ހަދިޔާގެ ގޮތުގައި ސިޓީ ކައުންސިލަށް ލިބުނު ކާށި ބެހުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ކައުންސިލުން ބުނީ، ސިޓީ ކައުންސިލާއި ހަވާލު ކުރި ކާށި މިހާރު ބަހާ ހުސްވެފައިވާ ކަމަށާއި އެހެންކަމުން މިވަގުތަށް ކާށި ބެހުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އިތުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ކާށި ބަހަން ނިންމާފައިވާ ކަމަށާއި އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ބްރަދާސްގެ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ކައުންސިލަށް ހަދިޔާ ކުރީ 15،000 ކާށްޓެވެ. ކާށި ބަހުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފެށި އިރު ހުކުރު އަދި ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކެއްގައި ކާށި ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އިސްކަންދީގެން ކާށި ބެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާއިރު އޭގެ އިތުރުންވެސް މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް ކާށި ވަނީ ބަހާފައެވެ. މީގެ ކުރިން 5 ކާށީގެ ރޭޓުން ބަހަމުން ގެންދިޔަ ނަމަވެސް ފަހުން ރޭޓަށް ބަދަލު ގެނެސް 10 ކާށީގެ ރޭޓުން ކައުންސިލުން ވަނީ ކާށި ބަހާފައެވެ.

ކުރިއާ އަޅާ ބަލާއިރު މިރޯދަމަހު ކާށި ކިލޯއެއްގެ އަގު ވަނީ 80ރ އިން މައްޗަށް އަރައިފައެވެ. ނަމަވެސް މިފަހުން އެސްޓީއޯއިން ގެނައި ކާށި ޝިޕްމަންޓަކާ އެކު އަގުތައް 12ރ އަށް ވެއްޓުނެވެ.