ރައްޔިތުން ސަރުކާރާއެކު ތިބިކަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒް ކާމިޔާބު ކުރެއްވުމުން މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކެނޑިޑޭޓަށް މަރުހަބާ ދަންނަވާ ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައެވެ. ވޭތުވެދިޔަ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމުންނެވެ.

މިއަދު ބޭއްވި އިންތިހާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވީ ކުރީގެ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމްއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފްއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހުސައިން ރިޒާ އާދަމް އަށް ލިބިފައި ވަނީ ޖުމްލަ 1،226 ވޯޓެވެ. ޝާޒް އަށް 1،346 ވޯޓު ލިބިފައި ވެއެވެ. އަދި އަލީ އަރީފް އަށް ލިބިފައި ވަނީ ޖުމްލަ 122 ވޯޓެވެ.

މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރެއިން މިއަދު ވޯޓުލާފައި ވަނީ 2،755 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80.4 ޕަސެންޓް މީހުންނެވެ. ބާތިލް ވޯޓަކީ 61 އެވެ.