ވިސާގެ މައްސަލަ ދިމާވެގެން ނުފުރި ތިބި ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިން މިއަދު ފުރައިފިއެވެ.

181 މީހުން އެ ގްރޫޕުން އުމްރާއަށް ދާން ބުދަ ދުވަހު ޕްރީ ޗެކިންވެސް ނިންމާފައި ވާއިރު ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާ އެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށް އެ ގްރޫޕްގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް މެސެޖެއް ފޮނުވާފައި ވަނީ މިމަހު 6 ވަނަ ދުވަހުގެ ފަތިހުއެވެ.

އެކަމާ ގުޅިގެން ސަފާއިން އިން ކުރިން ނެރުނު ބަޔާނެއްގަިއ ބުނީ، މި ރަމަޟާން މަހު އުމްރާއަށް ދެވޭނެ ގޮތެއް ނުވުމުން ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

ކަމާ ގުޅިގެން އުމްރާވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް އިތުރު ހަރަދަކާ ނުލައި މި ރޯދަ މަހު އުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަފާ ގްރޫޕަށް އަންގާފައެވެ. ފްލައިޓެއް ޗާޓަރު ކުރީ އޭގެ ފަހުންނެވެ.

އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ 182 މީހުން މިވަގުތު ތިބީ ސައުދީއަށް ދާން ޗާޓަރު ކުރި ފްލައިޓްގައެވެ. އުމްރާވެރިން ދަތުރުކުރަނީ ސައުދީގެ ސަލާމް އެއާގެ ފްލައިޓެއްގައެވެ.

ސަފާ ގްރޫޕުން ބުނީ، ކުރިން ދަތުރު ކެންސަލްކުރަން ޖެހުނީ ވިސާ ހަމަޖައްސަން ހަވާލުކުރި ސައުދީ އަރަބިއްޔާގެ ކުންފުނިން ލަނޑުދިނުމުން ކަމަށެވެ. އެ ކުންފުނިން މިހާރު ވަނީ ވިސާގެ ފައިސާ އަނބުރާ ދީފައެވެ.

ސަފާ ގުރޫޕުން ވިސާ ހަމަޖައްސަން ސައުދީގެ ކުންފުންޏެއް ކަމަށްވާ އުސޫލުލް ބައިތު ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮންމެ މީހަކަށް 220 ޑޮލަރުގެ މަގުންނެވެ.