ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ،

ސިޔާސީ ޕާޓީތަކުގެ ގަނޫނުގައިވާ ގޮތުން 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ދޫކުރަންޖެހެއެވެ، މި ގޮތުން މިއަހަރު ސިޔާސީ ޕާޓީތައް ހިންގުމަށް، 36,896,088 ރުފިޔާގެ ބަަޖަޓެއްވަނީ ކަނޑައަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގަނޫނުގައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ 06 ސިޔާސީ ޕާޓީއަކަށް މި އަހަރު ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްއެންޕީ، އަދި އަދާލަތު ޕާޓީއެވެ. މީގެތެރެއިން އެމްއެންޕީ ނޫން އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާއިރު ފުވާދު ތައުފީގު ވިދާޅުވީ އެމްއެންޕީއަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީކަމަށެވެ.

ސިޔާސީ ޕަޓީތަކުގެ ތެރެއިން މިއަހަރުވެސް އެންމެ ބޮޑު ބަޖެޓެއް ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. މި ގޮތުން އެ ޕާޓީއަށް 14،212،790.92 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 9،544،204.46 ރުފިޔާއެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީއަށް 5،680،521.16 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީއޭ އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،591،106.24 ރުފިޔާއެވެ. އަދި އެމްއެންޕީއަށް 2،434،979.29 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު އަދާލަތު ޕާޓީއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،412،485.93 ރުފިޔާއެވެ.