އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން، ޕްލާސްޓިކު ކޮތަޅު ޗެކް ކުރުމަށް ބޭނުންވާ އާލާތް މޯލްޑިވްސް ކަސްޓަމްސްއާ ހަވާލުކޮށްފިއެވެ.

އެތަކެތި ކަސްޓަމްސްއާ ހަވާލުކޮށްފައިވަނީ މިއަދު ސޮއި ކުރި އެމްއޯޔޫ އެއްގެ ދަށުންނެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ހަވާލު ކުރި އެ އާލާތްތަކަކީ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުން ކުރެވޭނެ އާލާތްތަކެއް ކަމަށެވެ.

މި އާލާތްތަކުގެ ސަބަބުން ރާއްޖެއަށް އެތެރެވަމުންދާ ޕްލާސްޓިކު ކޮތަޅުގެ ސައިޒު ދެނެގަނެވުމުގެ އިތުރުންވެސް ޕްލާސްޓިކު ކޮތަޅުގެ ބޯމިނުގެ އެކި ސައިޒުތަކުގެ ރިކޯޑް ބެލެހެއްޓުމަށް ފަސޭހަ ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އަންސަރުއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު މާނިއުއެވެ.

ޖޫން 1، 2022 ވަނަ ދުވަހުން ފެށިގެން، އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް ވަނީ ނިމިދިޔަ އަހަރު އެކުލަވާލާފައެވެ. އެގޮތުން ޕްލާސްޓިކް ހޮޅި އަދި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި އެތެރެ ކުރުމަކީ މަނާ ކަމެކެވެ.