އުރީދޫއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބޭއްވި 'އުރީދޫ ބޮކި ބޯޅަ މުބާރާތް 2023' ށަވިޔަނި ސައިންސް އިން ކާމިޔާބު ކޮށްފިއެވެ.

ށަވިޔަނި ސައިންސް އިން މި މުބާރާތް ކާމިޔާބު ކުރީ ރޭ ހުޅުމާލެ ރެހެންދި ސްކޫލުގެ ޓާފުގައި ކުޅުނު ފައިނަލް މެޗުގައި 'ރޭޖް ޖިމް' އާއި ބައްދަލުކޮށެވެ. މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައި ވަނީ ކްރޮސް ރޯޑްސް މޯލްޑިވްސްއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ މި މުބާރާތުގައި ހުނަރުވެރި މޮޅު ކުޅުންތެރިން ފެނިގެން ދިޔަ ކަމަށާ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފެންވަރު ރަނގަޅު ބޮޑު މުބާރާތެއް ބާއްވަނެ ކަމަށެވެ.

ބޮކި ބޯޅަ ކުޅެނީ

ރޭ މި މުބަރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ކާމިޔާބުކުރި ށަވިޔަނި ސައިންސް 20،000 ރުފިޔާ، އަދި ދެ ވަނަ އަށް ދިޔަ ރޭޖް ޖިމްއަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދިޔަ ކްރޮސް ރޯޑްސް މޯލްޑިވްސްއިން 5،000 ރުފިޔާގެ އިނާމާ މެޑަލް ހަވާލުކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބޮކި ބޯޅަ މުބާރާތަކީ ބަމްޕާ ބޯޅައިގެ އެތެރެއަށް ކުޅުންތެރިން ވަދެ، ފުޓްސެލް ގޮތަށް ކުޅުނު މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ފަސް ޓީމް ބައިވެރިވެފައި ވާއިރު މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާ ގޮތަށް ތިން މިނެޓުގެ ބްރޭކަކާއެކުގައެވެ.

މި މުބާރާތުގެ ކޮންމެ މެޗެއްގައިވެސް ދެ ހާފް ކުޅެފައި ވާއިރު ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބެއެވެ. އަދި ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮވެއެވެ.