އިޒްރޭލުން އަލް-އަގްސާ މިސްކިތަށް ވަދެ މެދު ނުކެނޑި ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ކުއްލި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އޯއައިސީ އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް އެވެ.
އެ ބައްދަލުވުމުގައި އޯއައިސީގެ މެންބަރު ގައުމުތަކުން ވަނީ އެ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި، މި މައްސަލައާ ގުޅޭ ގަރާރެއްވެސް ފާސްކޮށްފައެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުން ދަނީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކޮށްދިނުމަށެވެ.
އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިޒްރޭލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖެ އަންނަނީ މީގެ ކުރިންވެސް ގޮވާލަމުންނެވެ.
1969 ވަނަ އަހަރު އުފެދުނު އޯއައިސީގެ މެންބަރުންގެ ގޮތުގައި މެލޭޝިއާ، ތުރުކީ، ސައުދީ އަރަބިއްޔާ، މޮރޮކޯ އަދި ޕާކިސްތާން ހިމެނޭހެން ޖުމްލަ 57 ގައުމުތައް އެކުލެވެއެވެ. އަދި އޯއައިސީގެ އެންމެ ބޮޑު އަމާޒަކީ ސުލްހައާއި ސަލާމަތާއި ހަމަޖެހުން އިސްކޮށް ބައިނަލް އަގްވާމީ ފެންވަރުގައި މުސްލިމުންގެ މަސްލަހަތު ހިމާޔަތް ކޮށް އިސްލާމުދީން ރައްކާތެރި ކުރުމަށް މަޝްވަރާ ކުރުމެވެ.
އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސޯއަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ރާއްޖޭގެ ސަރުކާރުންވެސް ވަނީ ކުށްވެރި ކޮށްފައެވެ. އަދި އިޒްރާއިލް ސިފައިންގެ އެ އަމަލުތައް ކުށްވެރިކޮށް ދިވެހިރާއްޖެއިން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުން މިނިވަން އަދި މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ވަނީ ބަޔާން ކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.