އަލް-ސަފާ ގްރޫޕްގެ ހަވާލުގައި މިއަދު ފުރަން ހަމަޖެހިފައިވާ އުމްރާވެރިންނަށް ނުފުރުނީ ސައުދީއާއި ދިވެހި ސަރުކާރުން ދޭން ޖެހޭ ހުއްދައެއް ނުދީގެން ނޫން ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

181 މީހުން އެ ގްރޫޕުން އުމްރާއަށްދާން ބުދަ ދުވަހު ޕްރީ ޗެކިންވެސް ނިންމާފައިވާއިރު ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާ އެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށް އެ ގްރޫޕްގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް މެސެޖެއް ފޮނުވާފައިވަނީ އިއްޔެ ފަތިހުއެވެ.

މި މައްސަލަ ވަރަށް ހޫނުވެފައިވާއިރު އިސްލާމިކް މިނިސްޓްރީއިން ބުނީ 3 މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލާ ކުންފުނީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން ފާހަގަކުރެވުނު ކަމަށާއި އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަށެވެ. އެގޮތުން އެ ވިސާގެ ހިދުމަތް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ސަފާ ގްރޫޕުން ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައިނުވާތީ ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވާ ކަމަށާއި އެ ފަދަ މަތިވެރި އަޅުކަމަށް ދިއުމަށް ފައިސާ ދައްކާ ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާއި ނުލައި ލަސްނުކޮށް ވީހާވެސް އަވަހަށް މި ރަމަޟާން މަހުގެ އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައިވާ ކަމަށާއި އެ މައްސަލައިގެ ކަންހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ވަނީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ހުއްދަދީފައިވާ ކުންފުނިތަކުން "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" އާއި އެއްގޮތަށް ދަތުރުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ.