ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާވައިގެން ޔަހޫދީ އިޒްރޭލުން ހިންގާ އުދުވާނުގައި މިއަހަރު ދެވަނަ ފަހަރަށް އަގްސޯ މިސްކިތަށް ވަދެގަނެއްޖެއެވެ.

ރަބަރު ކޯޓުލައިފައި ހުންނަ ސްޓީލް ވަޒަން ޖަހަމުން، ބާރު އަޑާއި ގަދަ އައްޔެއް ފަތުރާލައި އަތުބޮން އުކަމުން ޔަހޫދީން ވަދެގަނެ ވަނީ އަޅުކަމުގައި ތިބި މީހުންގެ ގައިގައި ތަޅާ ހަދާފައެވެ.

ފަލަސްތީނުގެ މުސްލިމުން ތަރާވީހުގައި ތިއްބާ ވަދެ މުގުރުންނާއި ފައިން ތަޅާ، ހަދާފައި ވާއިރު މީހަކު ޝަހީދު ނުވިނަމަވެސް ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އާންމުވެފައި ވާ ވިޑިއޯތަކުން ފެންނަ ގޮތުން ޔަހޫދީ ސިފައިން މިސްކިތުގެ ތެރެއަށް ވަދެ ނަމާދަށް ތިބި މީހުން ގަދަކަމުން ބޭރު ކުރެއެވެ. އަދި އެކަން ކުރުމުގައި މުގުރުން ތެޅުންފަދަ އަނިޔާތައް ދޭތަން ފެނެއެވެ.

ޔަހޫދީން ދެވަނަ ރޭ މިސްކިތަށް ވަނީ، އޭގެ ކުރީ ރޭ ވަދެ ހައްޔަރު ކުރި 450 މީހުންގެ ތެރެއިން 397 މީހަކު ދޫކޮށްލުމަށް ފަހުއެވެ. އެމީހުން ދޫކޮށްލުމުގައި ޝަތުރު ކޮށްފައި ވަނީ ހަފްތާއެއް ވާންދެން އަގްސޯ މިސްކިތަށް ނުވަނުމަށެވެ. ދޫކޮށްނުލައި ތިބި 47 މީހުން ގެންދިޔައީ ޖަލަށެވެ.

ހަބަރުތައް ބުނާގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޒަހަމްވެފައި ތިބި މީހުން ތިބި ނަމަވެސް ޔަހޫދީން އެމީހުންނަށް ފަރުވާއެއް ދީފައެއް ނުވެއެވެ. އެހެން ހަބަރެއް ބުނާ ގޮތުން އުމުރުން 40 އިން ދަށުގެ ފަލަސްތީނުގެ އެއްވެސް ފިރިހެނަކު މިސްކިތުގެ ތެރެއަށް ވަނުން ވެސް ޔަހޫދީން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން މިސްކިތަށް ނަމާދަށް ދިޔަ މީހުންގެ ތެރެއިން 200 މީހަކަށް މިސްކިތަށް ނުވަދެވި ބޭރުގައި ނަމާދުކުރަން ވަނީ ޖެހިފައެވެ.

މީގެ ކުރިންވެސް ފާއިތުވި ގިނަ އަހަރުތަކެއްގެ ރަމަޟާން މަހު ޔަހޫދީން ފަލަސްތީނުގެ މުސްލިމުނަށް މި އަހުވަ ދައްކައެވެ. އަލް އަގްސޯ މިސްކިތުގައި ނަމާދު ކުރުމާއި، އަދި އިއުތިކާފަށް އިނަ ނުދީ ހުރަސް އަޅައެވެ. އެއިން ކޮންމެ ފަހަރެއްގައި ވެސް ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގާ ގިނަ ބަޔަކު ޒަހަމްވެ އަދި މިސްކިތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.