ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ ނިންމުމަށް ފަހު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިއީ އެ ކުންފުނިން އާރްޓީއެލްގެ ސްޕީޑް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. އެއާ ކޮންޑިޝަން 50 މީހުންގެ ޖާގަ ހިމެނޭ މި ފެރީ ފަރުމާ ކުރީ އަލްޝާލީ މެރިން ކުންފުނިންނެވެ.

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ޖުމްލަ 6 ފެރީ ބޭނުންވާއިރު ޖުލައި މަހަށް ހުރިހާ ފެރީތަކެއް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ މެދުތެރޭގައި ހިދުމަތް ފެށާނެ ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓަރު، މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

6 ޒޯނަކަށް ބަހާލައިގެން އާރްޓީއެލް ފެރީގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން ދާއިރު މުޅި މަޝްރޫއު ނިމޭއިރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ 82 އުޅަނދާއި 188 ފެރީ ޓާމިނަލް ހުންނާނެއެވެ. މިހާރުވެސް ހަތަރު އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން ހއ އަތޮޅާއި ހދ އަތޮޅާއި ށ އަދި ޅ އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް ހިމެނެއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އާރްޓީއެލް ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަކީ ސަރުކާރުގެ އަމާޒެވެ. ހުވަދު އަތޮޅަށް ފަހު ދެން އެމްޓީސީސީން މަސައްކަތް ފަށާނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށެވެ.