އެކަނިމާއެކަނި ދަތުރުކުރުމަކީ މިހާރު މަގުބޫލުވަމުން އަންނަ 'ޓްރެންޑް' އެކެވެ. ނަމަވެސް އަންހެނުން އެކަނި ގައުމުން ބޭރަށް ގޮސް އުޅޭ އިރު އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދަތުރުފަތުރު މެދުކަނޑާލުމަށް ފަހު، މިހާރު އަނެއްކާ ދަތުރުކުރުން ފަހިވެފައި ވީނަމަވެސް ބައިވެރިއަކު ގޮވައިގެން ދަތުރުކުރެވޭނެ އިރަކަށް މިހާރު މީހުން އިންތިޒާރެއް ނުކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަދި ހާއްސަކޮށް އަންހެނުންގެ މެދުގައި ސޯލޯ ދަތުރުތަކަށް ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ.
ނޯވޭގެ ކްރޫޒް ލައިނާއިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ތިން މީހަކުން އެކަކު، އެކަނި ދަތުރުކުރުމަށް އިސްކަންދޭ އިރު، އޭގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނުން ގިނައެވެ. ޓްރެވަލް ނެޓްވޯކް ވާޓޫސޯގެ އެތެރޭގެ ދިރާސާތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ސޯލޯ ދަތުރުތަކުގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ އަންހެނުންނެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އަންހެނުންނަށް ދަތުރުކުރުމުގައި ރައްކާތެރިކަން ލިބެން ޖެހޭ އިރު، ހަގީގަތަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އަންހެނުންނަށް އަދިވެސް ތަފާތުކުރުމާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ. އެގޮތުން އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށާއި، އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އަންހެނުންގެ ވިސްނުން ދެނެގަތުމުގައި ގިނަ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ސްލޮވޭނިއާ
'ވުމެން، ޕީސް އެންޑް ސެކިއުރިޓީ' (ޑަބްލިއުޕީއެސް) އިންޑެކްސްގެ މެދުތެރެ އާއި ޔޫރަޕްގެ އެންމެ ކުރީގައި އޮތް ސްލޮވޭނިއާ އަކީ ފާއިތުވި އަހަރުތަކުގައި އަންހެނުންގެ ސަލާމަތާ މެދު ވިސްނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމަށާއި، 85 ޕަސެންޓް އަންހެނުންނަށް މިތަނުގައި ރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށް އެ އިންޑެކްސްއިން ދައްކައެވެ.
ކްލެއާ ރަމްސްޑެލް އެންމެ ފުރަތަމަ ސްލޮވޭނިއާގެ ވެރިރަށް އަދި އެންމެ ބޮޑު ސިޓީ ލުބްލްޖާނާއަށް ދެވުނީ ރޭގަނޑުއެވެ. ނަމަވެސް، އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، އެއްވެސް މީހެއްގެ ފަރާތުން ފުރައްސާރައާ ކުރިމަތިނުވެ، އޭނާ ވަނީ މަގުތަކުގައި ހިނގާލާ، ފޮޓޯ ނަގާފައެވެ.
ވައިލްޑްލޭންޑް ޓްރެކިންގެ އެޑްވެންޗާ ކޮންސަލްޓަންޓެއްގެ އިތުރުން ޓްރެވަލް ބްލޮގް "ދަ ޑީޓުއާ އިފެކްޓް" ހިންގަމުން އަންނަ ރާމްސްޑެލް ބުނީ މިއީ އެހެން ތަނެއް ނަމަ ތަފާތު ތަޖުރިބާއަކަށް ވެދާނެ ކަމަށެވެ. "އަހަރެން އެ ގައުމުގައި އުޅުނު ދުވަސްވަރު އެއްވެސް މީހަކު އަހަންނަށް އެއްވެސް ވަރަކަށް އުނދަގޫކޮށްފައެއް ނުވޭ، ނެވިގޭޝަން، ލެންގުއޭޖް ބެރިއާއެއް ނުވަތަ ބައެއް ފަހަރު އެކަނި ވީމަ ކުރަން ބިރުގަނެދާނެ އެއްވެސް ކަމެއް އަހަންނަކަށް ދިމާވެފައެއް ނުވޭ."
އަދި އެ ސިޓީއަކީ ވަރަށް ހިނގާބިނގާވެ އުޅެވޭނެ އަދި ގައުމުގެ އެކި ކަންކޮޅުތަކަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތައް ވެސް އިތުބާރު ކުރެވޭ އަދި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ސިޓީއެއް ކަމަށް އޭނާ ބުންޏެވެ.
ރާމްސްޑެލް ސްލޮވޭނިއާއަށް ދިޔައީ، ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ފަރުބަދަތައް ބަލާލާށެވެ. "އަހަރެން ގިނައިން އުޅުނީ ޖަންގަލި އަދި ފަރުބަދަތަކުގައި ނަމަވެސް، ކޮންމެވެސް ކަހަލަ އިމަޖެންސީއެއް ދިމާވެއްޖެނަމަ ކައިރީގައި އަވަށެއް އޮތްކަން އަބަދުވެސް އެނގޭ،" ރާމްސްޑެލް ބުންޏެވެ. މުޅިން އެކަނިވެރިކަން އިހުސާސެއް ނުކުރެވުމުން ހިތަށް ހަމަޖެހުން ލިބުނުކަމަށް އޭނާ ބުންޏެވެ.
ރުވާންޑާ
ޑަބްލިއުޕީއެސް އިން ބުނި ގޮތުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 55 ޕަސެންޓް އެކުލެވިގެންވަނީ އަންހެން މަންދޫބުންގެ މައްޗަށެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވިސްނުމުގައި ވެސް އެ އިންޑެކްސް ވަރަށް ބޮޑަށް ހިމެނިފައިވާއިރު، އިގްތިސާދާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ސިޔާސީ ބައިވެރިވުމުގެ ގޮތުން ހަމަހަމަ ގައުމެއްކަން ދެނެގަންނަ ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްގައި ދުނިޔޭގެ ހަ ވަނައިގައި އޮތީވެސް އެގައުމެވެ.
ރެބެކާ ހޭންސަން 2019 ވަނަ އަހަރު ޑެންމާކުން ރުވާންޑާއަށް ބަދަލުވި އިރު، އެއީ ސޯލޯ ދަތުރުތަކަށް ވަރަށް ރައްކާތެރި ތަނެއް ކަމަށް އޭނާއަށް ފާހަގަކުރެވުނެވެ. "ގާތްގަނޑަކަށް ހުރިހާ ތަނެއްގައި އަދި ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި ވެސް ފުލުހުންނާއި ސެކިއުރިޓީ އަދި އަސްކަރިއްޔާ ވަށައިގެން ތިބޭ" އޭނާ ބުންޏެވެ. "ފުރަތަމަ ބިރުވެރިކަމެއް ހީވިޔަސް އެމީހުންނަކީ އަބަދުވެސް އެހީވާން ތައްޔާރަށް ތިބޭ ރައްޓެހި ބައެއްކަން ވަރަށް އަވަހަށް އެނގޭނެ."
އޭނާ ބުނީ އާންމުގޮތެއްގައި މީހުން، ހާއްސަކޮށް ސްކޫލް ކުދިން އިނގިރޭސ ބަސް ޕްރެކްޓިސް ކުރުމަށް ބައެއް ފަހަރު ސަލާމް ގޮވާލާ ހާލު އަހުވާލު އަހާކަމަށެވެ. އިނގިރޭސި ބަހާއި ފްރެންޗް ބަހަކީ ރުވާންޑާގެ ރަސްމީ ދެ ބަހެވެ.
ރުވާންޑާއަކީ 1994 ވަނަ އަހަރު ޓުޓްސީ ރައްޔިތުން ގަތުލުއާންމު ކުރުމާ ގުޅިގެން ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަކަމުގެ މަސައްކަތުގައި ލީޑަރެއްގެ ގޮތުގައި ޒަމާނުއްސުރެ ހިފަހައްޓަމުން އަންނަ ގައުމެކެވެ. އެ ގައުމުގައި ގިނަ މެމޯރިއަލްތަކެއް ހުރި ނަމަވެސް ހޭންސަން ލަފާ ދެނީ ވެރިރަށުގައި ހުންނަ ކިގާލީ ޖެނޮސައިޑް މެމޯރިއަލް ބަލާލުމަށެވެ. މިތަނުން ޖެނޯސައިޑްގެ ތާރީހާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެހެނިހެން މިސާލުތަކާއި މި ނުރައްކަލުގެ ސަބަބުން ދުނިޔެއަށް އަދިވެސް ކުރިމަތިވެފައިވާ ނުރައްކާތައް ދައްކުވައިދޭ ކަމަށް އޭނާ ބުންޏެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް
މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޑަބްލިއުޕީއެސްގައި އަންހެނުންގެ ތައުލީމާއި ފައިނޭންޝަލް އިންކްލޫޝަންއަށް އެންމެ ގިނަ މާކްސް ލިބިފައިވާ ޔޫއޭއީއަކީ މި ސަރަހައްދުގައި ޖިންސުގެ ހަމަހަމަކަމުގެ އެންމެ ކުރީސަފުގައި އޮތް ގައުމެވެ. ކޮމިއުނިޓީ ސޭފްޓީ ކެޓަގަރީގައި ހިމެނޭ ހުރިހާ ގައުމެއްގެ ތެރެއިން ވެސް އެންމެ މަތީ ދަރަޖައިގައި ޔޫއޭއީ ހިމެނުނު އިރު، އުމުރުން 15 އަހަރުން މަތީގެ 98.5 ޕަސެންޓް އަންހެނުން ވަނީ ޔޫއޭއީގައި ރޭގަނޑު އެކަނި ހިނގާބިނގާވެ އުޅުމުގެ ރައްކާތެރިކަން އިހުސާސްކުރެވޭ ކަމަށް ބުނެފައެވެ.
ވަކިން ހާއްސަކޮށް ދުބާއީ ވަނީ ޓްރެވަލް އިންޝުއަރެންސް ކުންފުނި އިންޝުއާ މައި ޓްރިޕްގެ އިންޑެކްސްއަށް ބިނާކޮށް ސޯލޯ އަންހެން ދަތުރުވެރިންނަށް އެންމެ ރައްކާތެރި ސިޓީގެ ގޮތުގައި ހިމެނިފައެވެ. ޕެރިސް އާއި ދުބާއީއާ ދެމެދު ދިރިއުޅުމުގެ ދުވަސްތައް ބަހާލާ އިންފްލުއެންސަ ސޭންޑީ އައުއަޑް ބުނި ގޮތުގައި އެ ސިޓީގައި އަބަދުވެސް އަމާންކަން އިހުސާސް ކުރެވެއެވެ. ތަފާތު ޝައުގުވެރި މީހުންނާ ބައްދަލުކުރަން ބޭނުން ނަމަ، ޑެޒަޓް ސަފާރީއެއް ބުކް ކުރުމަށް އޭނާ ލަފާދެއެވެ. ނަމަވެސް އެއަށްވުރެ އެޑްވެންޗަރ އިހުސާސް ކުރަން ބޭނުން ނަމަ ޕާމް ޑްރޮޕްޒޯންގެ މަތިން ސްކައިޑައިވް ކުރުމަކީ އޭނާ ލޯބިކުރާކަމެއް ކަމަށް ބުންޏެވެ.
ޖަޕާން
ގްލޯބަލް ޕީސް އިންޑެކްސްއިން ދުނިޔޭގެ އެންމެ ރައްކާތެރި 10 ގައުމުގެ ތެރޭގައި ޖަޕާން ހިމެނިފައިވަނީ ހަރުކަށި ކުށްތައް ވަރަށް ކުޑަވުމާއި ބޭރުގެ ނުވަތަ އެތެރޭގެ ހަމަނުޖެހުންތައް މަދު ގައުމަކަށް ވާތީއެވެ. އެކަނި ތަންތަނަށް ގޮސް ކެއުމާއި، ތަފާތު ހަރަކާތްތަކުގައި އެކަނި ބައިވެރިވުމަކީ މިތަނުގައި ސަގާފީ އާދައެކެވެ. ޖަޕާނަށް އުފަން އަދި ޓޫރިޒަމް ފާމް ޗެޕްޓާ ވައިޓްގެ ބާނީ މީކާ ވައިޓް ބުނި ގޮތުގައި، ސަގާފަތެއްގެ ގޮތުގައި "ސޯލޯ ޓައިމް" އަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށް އެތައް ކަމެއް ޖަޕާނުގައި އެބަހުއްޓެވެ. އެގޮތުން ސޯލޯ ކަރައޯކޭއާއި، އެކަނި ގޮސް ކާލެވޭ ގޮތަށް ހާއްސަކޮށް ހުންނަ ރާމެން ފިހާރަތަކަކީ އެތަނުގައި މަޝްހޫރު ތަންތަނެވެ.
މީގެ 20 އަހަރު ކުރިން އިންޑޮނޭޝިއާއިން ޖަޕާނަށް ބަދަލުވި ލޫލޫ އަސްގަފަށް ވަގުތުން މިތަނުގައި ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އިންޓްރެޕިޑް ޓްރެވަލްގެ ޓުއާ ލީޑަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ އަސްގަފް ބުނީ ނުދަންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުން ވަރަށް އުފާވާ ކަމަށެވެ. އެހެންނަމަވެސް، ރަށްފުށުގެ ސަރަހައްދުތަކުގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ފުރުސަތު ކުޑަކަމުން ގައިޑަކާއެކު ދިއުމަށް އޭނާ ލަފާދެއެވެ.
ސޯލޯ ކެއުމަކީ މިތަނުގައި އާދައަކަށް ވާތީ، ހާއްސަކޮށް ކިޔޯޓޯ، އޮސާކާ އަދި ޓޯކިޔޯގައި ކާބޯތަކެތި ތަޖުރިބާކޮށްލުމަށް އައްސަގާފް އިރުޝާދު ދެއެވެ. ޓޯކިޔޯގައި އޭނާ އެންމެ ކަމުދާ ތަނަކީ ޝިންޖޫކޫ ސަން-ޗޯމް އޭރިއާއެވެ. އެ ސަރަހައްދުގައި ގިނަ ރެސްޓޯރެންޓްތަކާއި ނައިޓްލައިފް އަދި ލޯކަލް އިޒަކަޔާ (ޕަބެއްގެ ޖަޕާނު ވާޝަނެއް) ހުރެއެވެ.
އާދައިގެ ޓޫރިސްޓް ސްޕޮޓްތަކުން ބޭރަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އޭނާ ލަފާ ދެނީ ސަމުރާއީގެ ގެއެއްގެ ގޮތުގައި މަޝްހޫރު އައްސޭރިފަށުގެ ކަނަޒާވާ ސިޓީއާއި ޓަކަޔާމާ އަށް ދިއުމަށެވެ. "ޓަކަޔާމާއަކީ ރީތި ޓްރެޑިޝަނަލް އާކިޓެކްޗާ އާއި ސޭކް ބްރޫވަރީޒް ހުރި ތަނެއް" އޭނާ ބުންޏެވެ. އަދި 1926 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް އެމްޕެރަރ ހިރޯހިޓޯގެ ރަސްކަމުގެ ޕޮޕް ކަލްޗަރގެ އާސާރީ ތަކެތި ދައްކުވައިދޭ ޓަކަޔާމާ ޝޯވާ-ކަން މިއުޒިއަމް އަށް ދިއުމަށްވެސް އޭނާ ލަފާދެއެވެ.
ނޯވޭ
އަންހެނުންގެ ފައިނޭންޝަލް އިންކްލޫޝަން، ގާނޫނީ ތަފާތުކުރުންނެތުމާއި އަންހެނުންގެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަތީ މާކްސް ލިބުމުން ޑަބްލިއުޕީއެސްގެ އެއް ވަނަ މަގާމުގައި ހިމެނުނު ނޯވޭ އަކީ ޖިންސުގެ ހަމަހަމަކަން އަދި އެންމެ އުފާވެރި ގައުމުތަކުގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ގައުމެކެވެ.
އޮސްލޯގެ ރެސިޑެންޓް އަދި އަޕް ނޯވޭގެ ބާނީ ޓޮރަން ޓްރޮންސްވެންގް ފާހަގަކުރާ ގޮތުގައި ނޯވޭގެ ސަގާފަތަކީ އިޖުތިމާއީ ގޮތުން ކެތްތެރިކަމާއި އިތުބާރު ކުރެވޭ ސަގާފަތެކެވެ. "އަވަށްޓެރި ކެފޭ މޭޒެއްގައި ހުރި މީހެއްގެ ގާތުގައި ބުނެވިދާނެ ރެސްޓްރޫމް ބޭނުންކުރާއިރު ތިބާގެ އެއްޗެހި ބަލަހައްޓަން" އޭނާ ބުންޏެވެ. އަދި އެ ގައުމުގެ ވިޔަފާރިތައް ހިންގުމުގައި ގިނައީ އަންހެނުންކަން ފާހަގަކޮށް އޭނާ ބުނީ، ކެފޭ ރެސްޓޯރަންޓްތަކާއި ގެސްޓް ހައުސްތައް ހިންގުމުގައި ގިނައީ އަންހެނުން ކަމަށެވެ.
ދަތުރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ޓްރޮންސްވަންގް ވަނީ ނޯވޭގެ ކޮންސެޕްޓް ކަމަށްވާ "ފްރިލުފްޓްސްލިވް" ނުވަތަ ބޭރުގައި ދިރިއުޅުމުގެ ފަލްސަފާއެއް ގެންގުޅުމަށް ހިތްވަރު ދީފައެވެ.