އެ ގޭގެ މައި ދޮރަކީ އަބަދުވެސް ތަޅުލާފައި ހުންނަ ދޮރެކެވެ. އެގޭގެ އެޕާޓްމަންޓަށް ދީފައިވާ ނަންބަރަކަށް ފިތައިގެން ބެލް ޖެހޭ އެޕާޓްމަންޓުން ތަޅު ހުޅުވައި ދިނިއްޔާ ނޫނީ އެގެއަށް ގެއިން ބޭރުން އަންނަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެއެވެ.
ވީ އިރު އެއީ އެގޭގައި އުޅޭ މީހެއް ހެއްޔެވެ؟ ނޫނީ އެއީ ބޭރުން އައި ނުދަންނަ ބީރައްޓެއްސަކީ ހެއްޔެވެ؟
ވިސްނުމެއްގައި މަޑުޖެހިފައި ހުރި ޒޫނާއަށް އެއްޗެކޭ ނުބުނެވެނީސް، އެ ޒުވާނާ ހުޅުވުނު ލިފްޓްގެ ތެރެއަށް ވަދެއްޖެއެވެ. ޗޮކެއް ކަނޑާލަމުން ޒޫނާ ގޮސް އޭނާގެ ސައިކަލުގެ ތަޅު ހުޅުވާލައި، މަޑިދަށުގައި އޮތް ހެލްމެޓް ނަގަމުން ގޭގެ މައިދޮރާ ދިމާއަށް ބަލާލިއެވެ. ނޫރާ އަންނަން އަދި ކިހާ އިރެއް ވާނެ ބާއޭ ޒޫނާ ހިތަށް އެރިއެވެ. މަންމަ ކައިރީ އަނގަ ތަޅަން ހުރެދާނެތީ، ސައިކަލަށް އަރާ ހަމަޖެހިލަމުން ޖިންސު ޖީބުގައި އޮތް ފޯނު ނަގައި ނޫރާއަށް ގުޅާލިއެވެ.
ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް ނޫރާ ފޯނެއް ނުނެގިއެވެ. އަނެއްކާ ވެސް ނޫރާއަށް ގުޅާލީ، އެތާ ކިހާއިރަކު އިންނަން ޖެހޭނެބާއޭ ޒޫނާގެ ހިތަށް އެރުމުންނެވެ. އެ ފޯނު ރިންގް ވޭވޭ ހުއްޓާ ދެން ޒޫނާގެ ކަންފަތުގައި ޖެހުނީ ފިރިހެނަކު ނޫރާއޭ ކިޔާ އަޑުހަރުކޮށް ގޮވާލި އަޑެވެ. އަޑު އައި ދިމާއަށް ޒޫނާ ބަލާލި އިރު، ގޭގެ މައި ދޮރު ހުޅުވާފައި ބޭރަށް ނޫރާ ނިކުންނަނީއެވެ. ނޫރާގެ ފަހަތުން ބާރު ހިނގުމެއްގައި އައި ފިރިހެނަކު ނޫރާގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމައިގަތް މަންޒަރު ފެނުމުން ޒޫނާއަށް ސައިކަލު މަތީ ބަލާކަށް ނުހުރެވުނެވެ.
އެއީ ދާދި ދެންމެއަކު އެގޭ ތެރެއަށް ވަދެގެން ދިޔަ ޒުވާނާއެވެ. ކަޅު ހުޑީއެއްގައި ހުރި ޒުވާނާއަކީ ނޫރާގެ އެކްސް ބޯއީ ފްރެންޑް އަޖޫއެވެ.
ކުރިއަށް ހިނގައިގަންނަން އުޅުނު ޒޫނާގެ ފިޔަވަޅު މަޑުޖެހުނީ އެއީ އަޖޫކަން އެނގުމަކުން ނޫނެވެ. އެ ދެމީހުންގެ މޫނުމަތިން ފެނިގެން ދިޔަ ރުޅިވެރި ކަމާއި ނަފަރްތުގެ ކުލަވަރު ފެނިފައެވެ. ނޫރާގެ އަތުގައި ހިފަހައްޓައިގެން ހުރެ އޭރު އަޖޫ ދިޔައީ އެއްޗިިހި ކިޔަމުންނެވެ.
"ނުދެވޭނެ އެއްތާކަށް ވެސް... ދަންޏާ ދާ ތާކަށް ހިނގާ މަށާ އެކީ... ބްރޭކް އަޕޭ އަދި އެބަ ކިޔައެއްނު... މަ ބުނާ ގޮތް ނުހަދައިފިއްޔާ ވާނެ ގޮތް އިނގޭނެ... މަލައްވާ މާގިނައިން އެ ވާހަކަ ހަނދާންކޮށް ދޭން ނުހަދާ... އޭރުން ކަންތައް ދާނީ ގޯހުން ގޯހަށް..."
އަޑުގެ ނެތް ތަނަށް އަޖޫ އެއްޗިހި ކިޔަމުން ދިޔަ އިރު، މަގުމަތިން ދިޔަ ހާ މީހުން މަޑުޖެހި އެމީހުންނާ ދިމާއަށް ބަލަން ތިއްބެވެ. ރުޅިއައިސް ކެކެމުން ދިޔަ އަޖޫގެ މޫނަށް ބަލަން ހުރި ނޫރާ އަތް ފޮޅުވާލި މަންޒަރު ފެނުމުން ޒޫނާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެން ފުއްޕާފަ ކޮންމެ ފަހަރަކު އަޖޫ ހެދިހާ ގޮތެއް ވަރިހަމަވެގެން ނޫރާ ނުހުންނާނެ ކަން އެނގުމުން އޭނާގެ ކޮއްކޮއާ މެދު ފަހުރުވެރި ވިއެވެ.
ޒޫނާ ބޭނުންވީ ނޫރާގެ ދިފާއުގައި އެ ތަނަށް ދާށެވެ. އިތުރަށް މައްސަލަ ގޯސްވެ މީހުން އެއްވެ ނޫރާ ފަލީހަތްވާން އޭނާ ބޭނުމެއް ނޫނެވެ. އެ ދެމެހީންގެ މެދުގައި ހިނގަމުން ދިޔަ ދެބަސްވުން ހުއްޓުވަން ޒޫނާ ކުރިއަށް އެޅި ފިޔަވަޅާ އެކު ނޫރާގެ ނަމުން ގޮވާލީ އެތާ އޭނާ ހުރިކަން އަޖޫއަށް ވެސް އަންގާލާށެވެ.
"ނޫރާ... ކިހިނެއްވީ..."
ޒޫނާ ފެނުމާއެކު ނޫރާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަޖޫގެ މޫނަށް ބަލާލަމުން އޭނާ ހިނިތުންވާން މަސައްކަތް ކުރިއެވެ.
"މަ ބުނާ ގޮތް ނުހަދައިފިއްޔާ ހޭއަރުވާލާނަން.. ތި ޒޫނާ ވެސް ފުނޑާލާނަން.."
މަގު ހުރަސް ކުރަން މަޑުކޮށްގެން ހުރި ޒޫނާ އެ ހުރި ހިސާބަށް އަޖޫ ދަތްކުނިވިކާލަމުން ބުނި ޖުމްލަ ނީވޭނެ ކަން ނޫރާއަށް އެނގެއެވެ. އެ ބުނި ވާހަކަ ޒޫނާއަށް އިވިއްޖިއްޔާ އަޖޫ އެ ހުރި ތަނަށް ނޮޅާ ތިރިކޮށްލާނެއެވެ. ޒޫނާއަކީ ހެދިހާ ގޮތެއް ބަލަން ހުންނާނެ މީހެއް ނޫނެވެ. އަބަދުވެސް އަޖޫ މި ކަހަލަ ވައްތަރު ޖައްސާތީ ޒޫނާ އޭނާއަށް ނަފްރަތު ކުރެއެވެ.
ޒޫނާ އެ މީހުން ކައިރިއަށް އަންނާތީ ނޫރާ އިތުރަށް ހާސްވިއެވެ. މަސްލަހަތަށްޓަކައި ކޮންމެ ވެސް އެއް ނިންމުމެއް ނިންމަން ނޫރާއަށް އެވަގުތު މަޖުބޫރު ވިއެވެ.
އެމީހުން ކައިރިއަށް ޒޫނާ އައިސް ހުއްޓިލަމުން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ފުން ނޭވާއެއް ދޫކޮށްލައި ހަމަޖެހެން މަސައްކަތް ކުރަމުން ޒޫނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް ޒޫނާއަށް ބަހެއް ނުބުނެވެނީސް ވާހަކަ ދެއްކީ ނޫރާއެވެ.
"އަހަރެން ގްރޫޕް ސްޓަޑީ ހަދަން ދާނީ އަޖޫއާ އެކީ... ބަލާ އަންނަން ވީމަ ގުޅާނަން... ތަންކޮޅެއް ލަސްވެދާނެ..."
އެވަގުތު އަޖޫގެ ތުންފަތް މައްޗަށް ވެރިވީ ލާނެއް ހިނިތުން ވުމެކެވެ. އޭނާ އާ އެކީ ދާން ނޫރާ އެއްބަސްވުމުން އަޖޫ މޭ ފުއްޕާލަމުން ސައިކަލު ހިފައިގެން އެބަ އަންނަމޭ ބުނެ ކުރިމަތީ ހުރި ޕާކިން ޒޯނާ ދިމާއަށް ހިނގައިގަތެވެ. އަޖޫ ދިޔަ ދިމާލަށް ބަލަން ހުރި ޒޫނާ ދެ އަތަށް ބޯ ހޫރާލިއެވެ.
"ކިހިނެއް ވެގެންތަ ތިއުޅެނީ... އަޅެ އެއްޗެއް ބޮއެގެން އުޅޭ މީހެއްތަ އެއީ... ވަކި ތަނެއް ނޯވޭތަ ޒުވާބު ކުރާކަށް ވެސް..."
ޒޫނާ ކިޔަމުން ދިޔަ އެއްޗިހި އަޖޫއަށް އިވިދާނެތީ ނޫރާ ޖެހިލުންވިއެވެ. ޒޫނާގެ އަތުގައި ހިފާލަމުން ނޫނެކޭ ބުނާ ފަދައަކުން އޭނާ ދެއަތަށް ބޯހޫރުވާލި އިރު، ނޫރާގެ މޫނުމަތިން އާދޭހުގެ ކުލަވަރު ޒޫނާއަށް ފެނުނެވެ. މި ވަގުތު ނޫރާ ހާސްވެ ކަންބޮޑުވާ ކަހަލަ ކަމެއް ކުރަން ޒޫނާ ބޭނުމެއް ނޫނެވެ. އެހެންވެ ހައްޕު ކިޔައިގެން ހުރެ އެއް ފަރާތަކަށް ޖެހިލީ އެމީހުން ކައިރިއަށް އައިސް ހުއްޓާލި ސައިކަލަށް އަރަން ނޫރާއަށް ތަން ދެމުންނެވެ.
ނޫރާ ސައިކަލަށް އެރުމުން ޒޫނާގެ އަތުގައި އޮތް ހެލްމެޓް އޭނާގެ ކޮއްކޮ އަތަށް ދިނެވެ. ހެލްމެޓްގައި ހިފަމުން ނޫރާ ފުން ނަޒަރަކުން އޭނާގެ ދައްތަގެ މޫނަށް ބަލާލަމުން ބަލާ އަންނަން ވީމަ ގުޅާނަން ކަމަށް ބުންޏެވެ. ޒޫނާއަށް އެއްޗެކޭ ނުބުނެވެނީސް އަޖޫ ސައިކަލު ސްޓާޓްކޮށް ދުއްވާލިއެވެ. އެ ސައިކަލު ގޮސް ލޮލު ކޮޅަށް ގެއްލެން ދެން ޒޫނާ އެ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަރު މީހަކާ އެކީ ނޫރާ އުޅޭތީ އޭނާ ކަންބޮޑުވިއެވެ.
*** *** *** *** *** ***
ޓީވީއަށް ނަޒަރު ހުއްޓާލައިގެން ޒޫނާ އިން ނަމަވެސް ދައްކަމުން ދިޔަ ޑްރާމާއަށް ސަމާލުކަން ދެވޭ ކަމަކަށް ނުވިއެވެ. އިރުއިރުކޮޅުން ފޯނަށް ބަލެނީއެވެ. ހީވަނީ ފޯނަކަށް އިންތިޒާރު ކުރަނީ ހެންނެވެ. އެހެން އިންނަތާ އިރުގަނޑެއް ވީ ފަހުން ކުއްލިއަކަށް ޒޫނާގެ ފޯން ރިންގް ވެއްޖެއެވެ.
ސިއްސައިގެން ގޮސް ފުރަތަމަ ވެސް ޒޫނާއަށް ބަލާލެވުނީ އެއް ފަރާތެއްގައި ހުރި ސޯފާގައި އިށީނދެގެން ޓީވީ ބަލަން އިން އޭނާގެ މަންމަގެ މޫނަށެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން ޒުލޭހާއަށް ކަމެއް ފާހަގަ ވެދާނެތީ ޒޫނާ އިނީ ބިރުންނެވެ.
ފޯނު ސައިލެންޓަށް ލުމަށްފަހު ކޮޓަރިއާ ދިމާއަށް ޒޫނާ ހިނގައިގަތީ މަންމަ ސުވާލު ކޮށްފާނެތީ ޖެހިލުންވެ ހުރެއެވެ. ކޮޓަރިއަށް ވަދެ ދޮރުފަތް ލައްޕާލި އިރު ވެސް ޒޫނާގެ މަންމަ ބަހެއް ނުބުނެ އިނުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. މަންމަ އެ އިނީ ޑްރާމާއަށް ގޮސް ހުސްވެފައެވެ. އެއީ ވެސް ނަސީބެކޭ ޒޫނާގެ ހިތަށް އެރިއެވެ. އެއަށް ފަހު ވައިބްރޭޓް ވަމުން ދިޔަ ފޯނު ނަގަން އޭނާ މަސައްކަތް ކުރި ނަމަވެސް އޭރު އެ ފޯނު ކެނޑިއްޖެއެވެ.
ގަޑިން މިހާރު ރޭގަނޑު ބާރަ ޖެހީއެވެ. އަދިވެސް ނޫރާ ގެއަކަށް ނާދެއެވެ. އެއްމާބަނޑު ދެބެއިންގެ ތެރެއިން ހަގަށް ހުރި ނޫރާ މިރޭ ބޭރަށް ދިޔައީ ކާކާ އެކީ ކަން ޒޫނާއަށް އެނގެއެވެ. އެ ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނު ނަމަވެސް މަންމައަށް އެކަން އަންގައި ހާސްކުރަން ޒޫނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒޫނާ މަޑުކުރީ ނޫރާ ގުޅާނެ ވަގުތަކަށެވެ.
ނޫރާ ގެއަށް ނައިސް މާ ލަސްވެއްޖިއްޔާ މަންމަގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަން އެނގޭތީ ފޯނު ނަގާ ނޫރާގެ ނަންބަރަށް ގުލާލިއެވެ. ދެބުރަކަށް ފޯނު ރިންގް ވިއެވެ. އެއަށް ފަހު އިވުނީ އެ ފޯނު ބިޒީކޮށްލި އަޑެވެ. އެއީ ދުވަހަކު ވެސް ނޫރާ ކުރާނެ ކަމެއް ނޫން ކަން ޒޫނާއަށް އެނގުނެވެ. އެހެންކަމުން އަނެއްކާ ވެސް ނޫރާއަށް ގުޅޭ ތޯ އޭނާ މަސައްކަތް ކުރިއެވެ.
މި ފަހަރު އެ ފޯނު އޮތީ ނިވާލާފައި ކަމަށް ބުނުމުން ޒޫނާ އިތުރަށް ހާސްވިއެވެ. ތަކުރާރުކޮށް ދެތިން ބުރަކަށް ނޫރާއަށް ގުޅޭ ތޯ އޭނާ ކުރި މަސައްކަތް ވެސް ވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ.
- ނުނިމޭ -