މިއަހަރު ފެށިގެން އައި އިރު އެމެރިކާ މަތިން މާސިންގާ ފުއްޕާ ހަމެއް ފެނިގެން ސަލާމަތީ ފަރާތްތަކުން އެ ވައްޓާލުމަށް ފަހު، އެއީ އެއްވެސް ކަމެއް ކުރެވޭ އެއްޗެއް ނޫން ކަމަށް އެމެރިކާއިން ބުނުމަށް ފަހު ވާހަކަ ބަދަލުކޮށްފިއެވެ.

ބެލޫން ވައްޓާލުމަށް ފަހު، އޭގެ ހުރިހާ ބައިތަކެއް ކަނޑުން ހޮވާ ކުރި ތަހުލީލުތަކުގެ އަލީގައި، އޭގައި ހުރި އިލެކްޓްރޯނިކް ޑީވައިސްތަކުން އެއްވެސް މުއާމަލާތެއް އެއްވެސް ސިގްނަލެއް ޓްރާންސްމިޓް ކޮށްފައި ނުވާ ކަަމަށް ވައިޓްހައުސް އިން ބުންޏެވެ.

ނަމަވެސް މިހާރު ނަން ހާމަ ނުކުރާ އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އޭބީސީ ނިއުސްގައި ބުނެފައި ވަނީ، އެ ބެލޫނުގައި ހަރުކޮށްފައި ހުރި ޑީވައިސްތަކުން ވަގުރުން (ރިއަލްޓައިމްކޮށް) ޗައިނާ އަށް މައުލޫމާތު ފޮނުވަމުން ދިޔަ ކަމަށެވެ. އިތުރަށް ބުނެފައި ވަނީ އެ ޑީވައިސް އަކީ ފޮޓޯ ނެގުމުގެ ގާބިލުކަން ހުރި ޑީވައިސް އެއް ނޫން ކަމަށާއި ނަމަވެސް އެ ޑީވައިސްއިން ދެނެގަތީ އެމެރިކާގެ ހައްސާސް ތަންތަނުން ފޮނުވާ ސިގްނަލްތައް ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ވައިޓްހައުސް އިން އަދި ކޮމެންޓެއް ކޮށްފައި ނުވާ އިރު އެފްބީއައިގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ބެލޫންގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށެވެ.

"އަހަރެމެންނަށް އިނގޭ ގަސްދުގައި ބެލޫން މިސްރާބުން ކަސިޔާރު ކޮށްލައި އެމެރިކާ މައްޗަށް އެރުވީކަން"
ތަރުޖަމާން ސަބްރިނާ ސިންގް

އޭނާ އެހެން ބުނި ނަމަވެސް، އެ ބެލޫން އެމެރިކާ މަތިން ދިޔަ އިރު ހުރަސް ކުރީ ކޮން މިލިޓަރީ ފެސިލިޓީ (އަސްކަރީ މަރުކަޒު) އެއްގެ މަތިން ކަމަށް ބުނެދޭކަން ނޭނގުނެވެ.

އިތުރަށް އޭނާ ބުނީ، އެ ބެލޫންގެ އެހީގައި ޗައިނާއިން އެއްކުރީ ކޮން މައުލޫމާތެއްތޯ ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށާއި އެނގޭހާވެސް ކަމަކީ، މި ބެލޫނުން ލިބޭ މައުލޫމާތުގެ ސަބަބުން މީގެ ކުރިން ސެޓެލައިޓްގެ އެހީގައި ޗައިނާއިން އެއްކުރި މައުލޫމާތު އިތުރަށް ފުރިހަމަ ވާނެ ކަމެވެ.

އެމެރިކާގެ އަލަސްކާ އާއި އެމެރިކާއާ އިންވެގެން އޮންނަ ކެނެޑާ މަތިން އެ ބެލޫން ދަތުރު ކުރި އިރު ޗައިނާއިން ބުނެފައިވަނީ އެއީ އެގައުމުގެ އަމިއްލަ ކުންފުންޏަކުން މޫސުމީ ދިރާސާއަށް މައުލޫމަތު އެއްކުރަން އެރުވި ބެލޫނެއް ކަމަށާއި ކޮންޓްރޯލް ގެއްލި މިސްރާބުން ކަސިޔާރުވީ ކަމަށެވެ.