ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހަރަކާތްތެރި ވާތީ، އެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެދިއްޖެއެވެ.

އެ މެންބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް ޕީގީގައި އެދިވަޑައިގަތީ ޕީޖީގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވާ މުޣުނީ ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި އެ މީހުން [ފިކުރެއްގެ ދިރުން] މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހަދައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރަމުން ގެންދާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދަންނަވާކަމަށް މުޣްނީ ވިދާޅުވެފައި ވެއެވެ.

އެ މާއްދާގައި އޮތީ ކޮމިޓީއެއްގައި ހިމެނޭ އެ ޕާޓީގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެންބަރަކު އައްޔަން ކުރަން ޕާޓީއަކުން ބޭނުންވާ ނަމަ އެކަން ލިއުމުން އަންގަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށެވެ. އެ ލިއުން މަޖިލީހުގެ ރައީސަށް ލިބުމުން، އެ މެމްބަރުގެ އިއުތިރާޒެއް ނެތް ކަން މަޖިލީހުގެ އިދާރާއިން ކަށަވަރު ކުރުމަށް ފަހު، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް އެކަން އަންގަންވާނެ ކަަމަށެވެ.

މީގެ އިތުރުން މެންބަރަކު އެ މެންބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރުމަށް އިއުތިރާޒް ކުރާ ހާލަތުގައި އެ ޕާޓީއެއްގެ ޕާލިމެންޓްރީ ގްރޫޕްގެ ޖުމްލަ އަދަދުގެ އަޣުލަބިއްޔަތުން އެ މެމްބަރަކު އެ ކޮމިޓީން ބަދަލުކުރަން ނިންމާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ކަށަވަރު ކުރަންވާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

މުޣުނީ ވަނީ، ނަޝީދު ފެކްޝަންގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެންބަރުން ކަމާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް ފާހަގަ ކުރައްވާފައެވެ.