މި ސަރުކާރުން ހިނަގާ ބައެއް މަޝްރޫއުތައް ލަސްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް އަބަދުވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ގޮތުން ސަރުކާރުން އިންޑިއާއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް ލަސްވަމުންދާ ކަމުގެ ޝަކުވާތަކަކީ މި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަތަކެވެ.
ސިއްހީ ދާއިރާއަށް ތަރައްގީ ގެނައުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ގާއިމް ކޮށް ރަށްރަށުގައި އަޅާ ހޮސްޕިޓަލްތަކުން ޕްރައިމަރީ ސިއްހީ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހު ފަހު ކޮޅު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވަނީ އިންޑިއާ އެކްޒިމް ބޭންކްގެ ދަށުން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައެވެ.
ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ރ. އަލިފުށީގައި ހޮސްޕިޓަލް އެޅުމުގެ ޕްރޮޖެކްޓަކީ 57 މިލިއަން ޑޮލަރު (879 މިލިއަން ރުފިޔާ) އަށް ހަވާލު ކުރި މަޝްރޫއެކެވެ. އޭރު އިންޑިއާ އެކު ވީ އެއްބަސްވުމުގައި ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖައްސާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަލިފުށީގައި ހަދަން ނިންމާފައި އޮތީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެކަމަކު ހޮސްޕިޓަލްތައް އަޅަން އޭރު ދިނީ ކިހާ މުއްދަތެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
މި ޕްރޮޖެކްޓް ހަވާލުކުރިތާ އަހަރެއް ވާން ގާތް ވެފައި ވަނިކޮށް ސަރުކާރުން މިވަނީ އެ ޕްރޮޖެކްޓް ޗައިނާއާ ހަވާލު ކޮށްފައެވެ. އިންޑިއާއެކު ވީ އެއްބަސްވުން އުވާލައި ޗައިނާއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައި ވަނީ ކީއްވެތޯ ސާފު ކުރުމަށް ހެލްތް މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީގެ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިންޑިއާގެ ކުންފުންޏަޔަކަށް ދޫކުރާ ގޮތަށް ކުރިން އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެ ގޮތުން އޭރު އެގްޒިމް ބޭންކުން ހަވާލު ކުރި ކުންފުންޏަށް މިވީ މުއްދަތުގެ ތެރޭގައި އެއްވެސް ކަމެއް ނުކުރެވި މަސައްކަތްތައް ލަސްވަމުން ދިޔަ ކަމަށް ހެލްތް މިނިސްޓްރީ ބުނެއެވެ.
އެ ހޮސްޕިޓަލްތައް އެލުމަށް ބިން ވެސް ކަނޑައަޅާފައިވާ އިރު، އެ ކުންފުންޏަށް މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ޗައިނާގެ ކުންފުންޏަކާއެކު ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް ނިންމީ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ޗައިނާއާ ހަވާލު ކުރި މި ޕްރޮޖެކްޓް ދެން ވަރަށް އަވަަހަށް ފެށިގެން ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.
އިންޑިއާ ކުންފުންޏަށް މަސައްކަތް ނުފެށުނު ސަބަބެއް ސާފެއް ނުވެއެވެ.
މިއަދު "ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ އޮން ހޮސްޕިޓަލްސް އިން މޯލްޑިވްސް" ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އަހްމަދު އާދިލް އެވެ. މި އެއްބަސްވުމުގެ ދަށުން ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ރ. އަލިފުށީގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެކަމުގައި ޖާމިނުވާ ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ހޮސްޕިޓަލުތައް އަޅާ ނިމުމުން، އެ ރަށްރަށުގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމުކުރެވި ހަތަރު އަތޮޅުގެ އެތައް ހާސް ރައްޔިތުންނަށް ފަސޭހަކަމާއެކު ޕްރައިމަރީ ސިއްހީ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ އަގު އަދި މުއްދަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ޗައިނާ އާ ހަވާލު ކުރީ ގްރާންޓް އެއިޑެއްގެ ދަށުންނެވެ. މިކަމާ ގުޅޭ ގޮތުން އަދި ފޮރިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
އެންމެ ފަހުން އުނބަށްޖެހީ ދޯ.