އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް، މިސްރުގެ ރައްޔިތުން އަންނަނީ ބަރަކާތްތެރި ރަމަޟާން މަހުގެ އާދަކާދަ ދެމެހެއްޓުމަށްޓަކައި، ސަދަގާތް ކުރަމުންނެވެ.

އަލް-މާގްގެ ކައިރޯ ސަރަހައްދުގައި ސަދަގާތްދެމުން އަންނަ ކުޑަ ޖަމިއްޔާއެއްގެ އިސްވެރިޔަކު ބުނީ މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 360 މީލް ޕެކް ދިންކަމަށާއި، ނަމަވެސް މި އަހަރު ދުވާލެއްގެ މައްޗަށް 200 މީލް ޕެކް ދޭންވެސް ދަތިކަމަށެވެ. ނަމަވެސް މިއީ ވަރަށް ދަރުމަހުރި ކަމެއް ކަމަށާއި، ބައެއް އާއިލާތަކަށް މަސް ނުވަތަ ކުކުޅުކޮޅެއް ކާން ލިބެނީވެސް މިހެން ކުރާ ސަދަގާތްތަކުގެ ސަބަބުންކަން އޭނާ ފާހަގަކުރިއެވެ.

ރަޝިޔާ އާއި ޔުކްރެއިން އާ ދެމެދު މިދިޔަ އަހަރު ހަނގުރާމަ ފެށުމުގެ ކުރިންވެސް މިސްރުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ވޯލްޑް ބޭންކުން ބުނެފައިވަނީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާދިސާގެ ކުރިންވެސް މިސްރުގެ 30 ޕަސެންޓް މީހުން ދިރިއުޅެމުން ދިޔައީ ފަގީރުކަމުގެ ދަރަޖައިގެ ދަށުގައި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު މިސްރުގެ އިންފްލޭޝަން 32.9 ޕަސެންޓް އަށް އުފުލި، މިސްރުގެ ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް ވަނީ ދަތިވެފައި

މިސްރުގެ އެތައް މިލިއަން ބަޔަކު، ކެއުން ބުއިމަށާއި އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާ ވަނީ ހިލޭ އެހީ ދޭ ޖަމިއްޔާތަކަށެވެ. ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން އެހީ ދޭ ޖަމިއްޔާތަކުން ވަނީ، ހަރަދުތައް ބޮޑުވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކަކާ ކުރިމަތިވަމުންދާކަން އަންގާފައެވެ.

ނަމަވެސް ސަދަގާތް އިތުރުކޮށް، ދީލަތިކަމަށް އިސްކަން ދިނުމަކީ މިސްރުގެ ރައްޔިތުން ނުހަނު ލޯބިކުރާ ކަމެއް ކަމަށް މިސްރުގެ ކްލޯތިން ބޭންކުގެ ވެރިޔާ މަނާލް ސަލޭހް ފާހަގަކުރިއެވެ. މިސްރުގެ ރައްޔިތުން 2021 ވަނަ އަހަރު 10 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ފަސް ބިލިއަން މިސްރު ޕައުންޑް ޗެރިޓީއަށް (އޭރު ގާތްގަނޑަކަށް 315 މިލިއަން ޑޮލަރު) ދީފައިވާ ކަމަށް މިސްރުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ. ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންތް ސަދަގާތަކީ ރަމަޟާން މަހުގެތެރޭގައި ކޮށްފައިވާ ސަދަގާތްކަމަށް މަނާލް ފާހަގަކުރިއެވެ.

މިސްރުގައި ރަމަޟާން މަހު ކުރާ ސަދަގާތްތައް ގިނަ

2021 ވަނަ އަހަރުގެ އެންމެ ފަހުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު މިސްރުގައި އެވްރެޖްކޮށް މުސާރައަކީ މަހަކު 4000 ޕައުންޑް ނުވަތަ 129 ޑޮލަރެވެ. އެގޮތުން އެންމެ އަގުހެޔޮކޮށް ސަބްސިޑައިޒްކުރާ މަސް ކިލޯއެއްގެ އަގު ގާތްގަނޑަކަށް ދެގުނަ އިތުރުވެ 220 ޕައުންޑަށް އަރާފައިވާއިރު، އެއީ ހަފްތާއެއްގެ މުސާރައިގެ ހަތަރުބައިކުޅަ އެއްބައެވެ.

ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް މިސްރުގެ މީހުންގެ އެއްބައިވަންތަކަން ފާހަގަކޮށް މަނާލް ބުނީ، ރަމަޟާން މަހު ސަދަގާތްތައް އިތުރުކޮށް، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުގެ ރައްޔިތން ހާއްސަ އިސްކަމެއް ދޭކަމަށެވެ.