އައްޑޫ ސިޓީ ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރު ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޖިން އާއި ޗައިނާ އާއި ރާއްޖޭގެ އެހެން ބައެއް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެމްއެފްއެމްސީން ކުރި ޓުވީޓެއްގައި ބުނީ ހަންކެޑެ ތަރައްގީކުރަން ފެށުމަކީ އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ ބިންގާ އެޅުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެ މަޝްރޫއެއް ކަމަށް އެމްއެފްއެމްސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މަޝްރޫއާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެފްއެމްސީން ހާމަކޮށްފައެއް ނުވެއެވެ.

ހަންކެޑެއަކީ ޓޫރިޒަމް އާމްދަނީ އިތުރުކޮށް އިގްތިސާދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެކެވެ. ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއަށް ޗައިނާގެ ބޭންކަކުން 42 މިލިއަން ޑޮލަރު (647.8 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައިވާއިރު މި މަޝްރޫއުގެ ދަށުން، ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖެނުއަރީ މަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް އިއުލާންކުރި ހަންކެޑެ މަޝްރޫއު ނިމުމުން އެ ސަރަހައްދު ފެންނަން ހުންނާނެ ގޮތުގެ ފޮޓޯއެއްވެސް އޭރު އެމްއެފްއެމްސީ އިން ވަނީ ހިއްސާކޮށްފައެވެ. 2016 ވަނަ އަހަރުން ފެށިގެން ހަންކެޑެ ތަރައްޤީކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް އެ ތަނުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.