ޔޫކްރައިނަށް ރަޝިއާއިން ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން، ރަޝިއާއާއި އިންޑިއާގެ ޒަމާންވީ ގުޅުންތަކަށް ހުޅަނގުން ހިތްހަމަ ނުޖެހި އުފައްދާ ޕްރެޝަރާ ހެދި ނުތަނަވަސްކަމެއް އޮތް ނަމަވެސް އިންޑިއާ އާ އަވަށްޓެރި އަދި އެންމެ ބޮޑު ގައުމު ކަމަށްވާ ރަޝިއާ އާއެކު އެކުވެރި ގުޅުމެއް ބޭއްވުމުގެ ފައިދާ އިންޑިއާއަށް ބޮޑެވެ.

ޔޫކްރެއިން އަށް ރަޝިއާއިން ދޭ ހަމަލާތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ނިއު ދިއްލީއަށް ޕްރެޝަރު ކުރަމުން ދިޔަ ނަމަވެސް، ރަޝިއާ އާއެކު އޮތް ދިގު މުއްދަތުގެ ސްޓްރެޓެޖިކް ޕާޓްނާޝިޕް އަދިވެސް ވަރުގަދައެވެ.

އިންޑިއާ އިން ރަޝިއާ އާއެކު ޒަމާނުއްސުރެ ކުރަމުން އައި ވިޔަފާރީގެ ސަބަބުންނާއި ހަނގުރާމަ އާ ގުޅިގެން ހުޅުވިގެން ދިޔަ ފުރުސަތުގައި ނިއު ދިއްލީއަށް ހަތިޔާރު އެތެރެކުރުމަށް އިތުރަށް ވަނީ މަގުމަފިވެފައެވެ. ހާއްސަކޮށް އިންޑިއާގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ރަޝިއާގެ ތެޔޮ ގަތުމުގައި ވެސް މި ގުޅުން ވަނީ އެ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދީފައެވެ. ހަމައެހެންމެ، މި އަމަލުތަކަކީ ނިއުދިއްލީގެ ހާރިޖީ ސިޔާސަތު މިން ކުރުމުގައި ރަޝިއާއަށް މުހިންމު ކަމެއްވެސް މެއެވެ.

ހަނގުރާމައާ ގުޅިގެން އިންޑިއާއިން ރަޝިއާ ކުށްވެރިކުރަން ނުކެރުމާއި ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިންޑިއާ އަށް ސިޔާސީ ޕްރެޝަރު ބޮޑަސް ދުނިޔޭގެ ސުލްހައަށް މަޝްވަރާކޮށް، ނުފޫޒު ފުޅާކުރުމުގެ ފުރުސަތުވެސް އިންޑިއާއަށް އެބައޮތެވެ. އެހެނީ، ރަޝިއާ އާއި އިންޑިއާ އާ އޮންނަ ގުޅުމުގެ ފައިދާ ހުޅަނގުންވެސް ނަގަން ބޭނުން ވުމާއި، އިންޑިއާގެ މައްޗަށް ނުފޫޒު ފޯރުވައިގެން ނުވަތަ ރުއްސައިގެން ރަޝިއާ އާ ޖެއްސުވުމަށް ހުލަނގުން ކުރާ މަސައްކަތުގެ ފައިދާ ނުވަތަ އެޑްވާންޓޭޖް އޮތީ ވެސް އިންޑިއާ އަށެވެ. ހުޅަނގާއި ރަޝިއާގެ ހާލަތަށް ރިއާޔަތްކޮށް، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ގެނެވޭނެ ސުލްހަވެރި ހައްލެއްގެ ވާހަކަވެސް ތިލަ ކުރެވިދާނެ އެއްފަރާތަކީ އިންޑިއާއެވެ.

ޔޫރޭޝިއަން ސަރަހައްދަށް ނިއުދިއްލީގެ ގުޅުން ފުޅާވެފައި ވަނީ ވެސް މެދުތެރޭ އޭޝިއާގައި މިހާރު އޮތް ގިނަ ގައުމުތަކާ އެކު އޮތް ތާރީހީ އަދި ސަގާފީ ގުޅުމުގެ ސަބަބުންނެވެ. ރަޝިއާއަށް ދިފާއީ އެއްބާރުލުން ދިނުމުގެ އިތުރުން އިންޑިއާއިން ވަނީ ފާއިތުވި އަހަރުތަކުގައި ކަނެކްޓިވިޓީ މަޝްރޫއުތަކަށް އިންވެސްޓްކުރަން ފަށައި، މުޅި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބަދަލު ތަކެއް ގެނެސްފައެވެ.

ކަނެކްޓް ސެންޓްރަލް އޭޝިއާ ސިޔާސަތުގެ ދަށުން އިންޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަކީ ވެސް އެފަދަ ސްޓްރެޓެޖީ އަކާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ އަމާޒަކީ ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން މި ދެ ސަރަހައްދު ގުޅާލުމެވެ. މީގެ ސަބަބުން ވިޔަފާރީގެ އިތުރުން، ފުޅާ ދާއިރާއެއްގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ސަރަހައްދީ ތަރައްގީގެ ރޮނގުން ނިއުދިއްލީގެ އިހްތިސާސް ފުޅާކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

މިފަދަ މަސައްކަތްތަކުގެ ހަރުދަނާ އެއް މިސާލަކީ 2000 ވަނަ އަހަރު އިންޑިއާ، ރަޝިއާ އަދި އީރާނާ ދެމެދު ފެށި އިންޓަނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ (އައިއެންއެސްޓީސީ) އެވެ. 7200 ކިލޯމީޓަރުގެ ދިގު ކޮރިޑޯ މިހާތަނަށް ޔޫރޭޝިއާ ސަރަހައްދުގެ 13 ގައުމަކުން ބަލައިގެންފައި ވާއިރު އޭގެ ތެރޭގައި ތުރުކީ، އަޒަރުބައިޖާން، ބެލަރޫސް، ބަލްގޭރިއާ، އަރުމޭނިއާ، ކަޒަކިސްތާން، ކިރްގިސްތާން، އޮމާން އަދި ތަޖިކިސްތާން ހިމެނެއެވެ. މި ގައުމުތަކުގެ މެދުގައި އެއްގަމާއި ކަނޑުން ވިޔަފާރީގެ ގިނަ މުއާމަލާތްތައް ކުރަމުން ދާއިރު އެ ގުޅުންތައް އިތުރަށް ފުޅާ ކުރުމަށް ސަރަހައްދީ ސުލްހައަކީ މުހިންމު އެއްޗެކެވެ.

ސަރަހައްދީ އަދި އިގްތިސާދީ ކުރިއެރުމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި އުމްރާނީ ތަރައްގީއާއި ހަކަތައާއި ކަނެކްޓިވިޓީ ފަދަ ދާއިރާތަކުން އިތުރަށް އެއްބާރުލުން ބޭނުންވާ ކަމަށްވެސް ނިއު ދިއްލީން ވަނީ އެކި ފަހަރުމަތިން ފާހަގަ ކޮށްފައެވެ.

އެހެންކަމުން، އިންޑިއާއަކީ ބާރުގަދަ ގައުމެއްގެ ގޮތުގައި ދެއްކުމަށްޓަކައި، ދުނިޔޭގެ އިގްތިސާދުގެ ނުފޫޒުގަދަ ދާއިރާތަކުން އެކަހެރިކުރެވިފައިވާ ސަރަހައްދެއް އަލުން ގުޅާލައި ތަރައްގީކުރުމަކީ އެގައުމުގެ އަމާޒެކެވެ.