ގަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ދިވެހި މީޑިއާގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ މި އުސޫލުގެ ބޭނުމަކީ ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފްތަރުވެފައި ނެތުމުން ދިމާވަމުންދާ ދަތިތައް ހައްލުކުރުމެވެ. މި ގޮތުން މީޑިއާ ކައުންސިލްގައި މީޑިއާތައް ދަފުތަރުކޮށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން، މީޑިއާތަކާގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިޔަށް ގެން ގޮސް ކަންކަން ނިންމުމުގައި އެ ކައުންސިލަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

މިއަދު ގެޒެޓްކޮށް އަމަލުކުރަން ފެށި އުސޫލާއެކު ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ހިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީ ކޮށްފައި ވީ ނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނެހެން ވަކިވަކިން، ނުވަތަ އެއްކޮށް އާންމު ކުރާނެއެވެ.

މި އުސޫލުގައިވާ ގޮތުން ހިނގަމުންދާ މީޑިއާއެއްކަމުގައި ބަލާނީ ނޫސް މަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީޑިއާއެއް ރަޖިސްޓްރީކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިއާތަކެވެ. އަދި ހިނގަމުން ނުދާ މީޑިއާއެއްކަމުގައި ބަލާނީ ނޫސް މަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީޑިއާއެއް ރަޖިސްޓްރީކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިއާތަކެވެ.

މިއުސޫލަށް އަމަލުކުރަން ފަށާތާ 1 މަސް ދުވަހުގެ ތެރޭގައި މީޑިޔާގެ ދަފުތަރު އެކުލަވާލަންޖެހޭއިރު މިދަފްތަރު މަދުވެގެން 3 މަސްދުވަހުން އެއް ފަހަރު އަދާހަމަކުރަންޖެހޭކަމަށް މި އުސޫލުގައި ވަނި ބަޔާންކޮށްފައެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން މީޑިއާ ދަފްތަރު އެކުލަވާލާއިރު މި ދަފްތަރު މީޑިއާ ކައުންސިލުގެ ވެބްސައިޓްގައި އާންމުކޮށް ފެންނަ ގޮތަށް ޝާއިއުކުރަންޖެހެއެވެ.