ވިނަރެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރު ނަގައި، އަންނަ ބުދަ ދުވަހު ލިސްޓު ތަރުތީބުކުރާނެ ކަމަށް، އެޗްޑީސީން މިއަދު ބުނެފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެ ކޯޕަރޭޝަނުން ބުނީ، މިދިޔަ ފެބްރުއަރީ މަހު އާންމުކުރި ދާއިމީ ލިސްޓުގައިވާ މީހުންގެ ތެރެއިން ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގައި ކަމަށެވެ. އެޗްޑީސީން ބުނީ:

  • ގުރުނެގުން އެ ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށް
  • ގުރުނެގުން ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ދެ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން މަދުވެގެން ފަސް މީހުންނަށް ދައުވަތު ދޭނެ ކަމަށް

ލިސްޓުގައި ނަން ހިމެނިފައިވާ މީހުންނށް މުއާމަލާތު ކުރާނީ އެޗްޑީސީގެ ނަމްބަރު 3353535 މެދުވެރިކޮށް ފޯނުގެ ޒަރީއާ އިން ކަމަށާއި، އިތުރު އެހެން ނަންބަރަކުން ނުގުޅާނެ ކަމަށާއި އެސްއެމްއެސް އަދި ލިންކެއް ވެސް ނުފޮނުވާނެކަން ފާހަގަކޮށް އެޗްޑީސީން ވަނީ އެފަދަ މުއާމަލާތްތަކަށް ސަމާލުވުމަށް އެދިފައެވެ.

ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި، އެޗްޑީސީ އާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވިނަރެސް ފްލެޓް މަޝްރޫއުގެ ދަށުން 100 ހައުސިން ޔުނިޓެއް މާލޭގައި ރަޖިސްޓްރީނުވެ ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންނަށް ވަނީ ކަނޑައަޅައިފައެވެ.