ކުންފުނީގެ އެއްވެސް އެސެޓެއް އަދި މުވައްޒަފެއްވެސް ސިޔާސީ އެއްވެސް ކަމެއްގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ އެއްވެސް އެސެޓެއް އަދި މުވައްޒަފަކުވެސް ސިޔާސީ އެއްވެސް ކަމެއްގައި ބޭނުންކޮށްފައި ނުވާނެ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ތާއީދުކުރާ ސިޔާސީ ފިކުރަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ މުވައްޒަފުނަންވެސް އޮންނާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން މުވައްޒަފުން ސިޔާސީ ކަންކަމަށް ނުނެރުނު ނަމަވެސް އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން ސިޔާސީ ކަންކަމުގައި އޮވެދާނެ ކަމަށެވެ. ނަމަވެސް އެއީ އެ މުވައްޒަފުންގެ އަމިއްލަ ހައިސިއްޔަތުން ބައިވެރިވާ ބައިވެރިވުންތަކެއް ކަމުގައެވެ. އަދި ޑިމޮކްރަސީއެއްގައި އެ ފުރުސަތު އޮންނަންވާނެ ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ގަބޫލު ކުރާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދަނީ މިހާރު ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި އެމްޑީޕީ ކެމްޕެއިންއަށް ހާއްސަކޮށް ސްޓެލްކޯގެ 2 ލޯންޗެއް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ހަމަޖައްސަވައި ދެއްވާފައިވާ ކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ކުރަމުންދާ ކަންކަން ބެލުމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރާ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވަން ހަމަޖެހިފައި ވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.