ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމުގެ މަސައްކަތުގެ އިތުރުން ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 79.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މި މަޝްރޫއަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓަރުތައް ބެދި އޮއިވަރު ބްލޮކުވުމުގެ ސަބަބުން އެ ދެ ރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުންކަމަށެވެ.