ޗައިނާއިން އަތްގަދަ ކޮށްފައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަަށް ވަން އެމެރިކާގެ ބިޔަ މަނަވަރު، ޔޫއެސްއެސް މިލިއަސް ފަހާލި ކަމަށް ބުނުމުން، އަނބުރާ ކަނޑަށް ވެ ޗައިނާ އަށް ގޮން ޖަހައިފިއެވެ.
އަމާޒަށް މިސައިލް ފޮނުވާ އަދި އަމާޒުވާ މިސައިލް ނައްތާލުމުގެ ގާބިލުކަން ހުރި އެ މަނަވަރު ފައްސާލި ކަމަށް ޗައިނާއިން ބުނުމުން، ލަދުން ސަލާމަތް ވުމަށާއި ޗެލެންޖް ކުރުމުގެ ބޭނުމުގައި ޗައިނާއިން ކަނޑައަލާފައި އޮންނަ އިމަށް ވަދެ، ވަދެވޭކަން ދައްކާލީއެވެ.
ޓައިވާނާއި ވެއިޓްނާމް އަދި ޗައިނާ ގުޅޭ ކަނޑުގައި ބައިނަލްއަގުވާނީ ގާނޫނުތަކުން ކޮންމެ ގައުމަކަށް ލިބިދޭ 12 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ޗައިނާއިން ވަނީ އަމިއްލަ ކޮށްފައެވެ. އެ ސަރަހައްދަކީ ކުދިކުދި 130 އަތޮޅު ހިމެނޭ ރަށްތަކެއް އޮންނަ ސަރަހައްދެއް ކަމަށާއި އެރައްތަކުގެ ތެރެއިން ގިނަ ރަށްރަށުގައި ގާއިމުވެ ތިބީ ޗައިނާގެ އަސްކަރިއްޔާ ކަމަށް ހަބަރުތައް ބުނެއެވެ.
މި ރަށްރަތުގެ މިލްކުވެރިކަމާ މެދު މި 3 ގައުމުން ދައުވާ ކުރާ އިރު، ޗައިނާގެ ބާރާއި އަސްކަރީ ހަރަކާތްތަކާ ހުރެ ވިއެޓްނާމާއި ޓައިވާނަށް އެސަރަހައްދަށް ކައިރިވެވޭ ވަރެއް ނުވެއެވެ. 200 ހެކްޓަރަށް ފެތުރިފައި އޮތް ސްޕްރާލްޓީ އައިލޭންޑްގެ މައްޗަށް ބުރޫނާއި، މެލޭޝިއާ، އިންޑޮނީޝިއާ އަދި ފިލިޕީންސުންވެސް ދައުވާ ކުރެއެވެ.
އދ ގެ ކަނޑުތަކާ ބެހޭ ކޯޓުގައި މި މައްސަލަ ހިނގި އިރު ހުރިހާ ގައުމަކަށް ބުރަވާގޮތަށް އެ މައްސަލަ ނިންމި ނަމަވެސް ޗައިނާއިން އެކަން ގަބޫލު ކުރަން ދެކޮޅު ހަދާ އަސްކަރީ ބޭސްތަކަކަށް ހެދީއެވެ.
އެެމެރިކާއިން ޗެލެންޖް ކުރަން ބޭނުންވީ ޗައިނާއިން ބުނާ އިމަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދު ކަމާއި އެތަނަށް ޗައިނާއިން ބާރު ނުފޯރުވޭނެ ކަމެވެ.
މި މައްސަލައިގައި ޗައިނާއިން ރުޅިގަދަވެފައި ވާ އިރު ޑިފެންސް މިނިސްޓަރީގެ ތަރުޖަމާން ވިދާޅުވީ، އެމެރިކާ މަނަވަރު ޗައިނާގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެފައި ވާ ކަމަށާއި، އެއީ ޗައިނާގެ މިނިވަން ކަމަށް އަރައިގަތުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އެ މަނަވަފު ފަހާލި ކަމަށް ބުނެފައި ވެއެވެ.
މިއީ މިސަރަހައްދަށް އެމެރިކާގެ އުޅަނދެއް ވަން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވައިގެ ސަރަހައްދުންވެސް އެމެރިކާއިން އެތަނަށް ވަދެފައި ވެއެވެ.
ޗައިނާއިން ކޮންޓްރޯލް ކުރާ މި ކަނޑަކީ، ގުދުރަތީ މުއްސަނދި ކަމާއި ތެލާއި ގޭސް ހުރި ސަރަހައްދެއްގެ އިތުރުން ދުނިޔޭގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން 2.4 ޓްރިލިއަން ޑޮލަރުގެ މުދާ ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް އުފުލާ ޗެނަލެއްވެސް މެއެވެ.