ކުޅަދާނަ ލަވަކިޔުންތެރިޔާ ޒޭން މާލިކް ގެ އާ ލޯބިވެރިޔާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަ ދެތަރިންގެ ފޭނުން މާ ކުރިންވެސް ދައްކަމުން އައި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެތް އޭރަކު ނެތެވެ. ނަމަވެސް ދާދިފަހުން ނިއު ޔޯކް ރެސްޓޯރަންޓެއްގައި ދެމީހުން އަތުގުޅުވައިގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނީ ޒޭން އާއި ސެލީނާ އެއްކޮށް ރެސްޓޯރަންޓަށް ވަނީ އަތުގުޅައިލައިގެން ހުރެ ކަމަށެވެ. އަދި ދެތަރިން އެއްކޮށް އެތަނުގައި ތިބި ފޮޓޯތަކެއް ވެސް ވަނީ ޓިކްޓޮކްގައި ދައުރުވާން ފަށައިފައެވެ.

"ވަން ޑިރެކްޝަން" ބޭންޑުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޒޭން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅުނީ މޮޑެލް ޖީޖީ ހަދީދް އާއެވެ. 2015 ވަނަ އަހަރުން ފެށިގެން ދެތަރިން އެކުގައި އުޅުމަށް ފަހު ވަކިވީ 2021 ވަނަ އަހަރުގައެވެ. ޒޭން އާއި ޖީޖީގެ ގުޅުމަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ. ހައި ހަދީދް މާލިކް ގެ ނަމުން ނަންދީފައިވާ މި ކުއްޖާ އަށް މިހާރު ދެ އަހަރެވެ.

ގިނަ މަޝްހޫރު ތަރިންނާ ލޯބީގެ ގޮތުން ގުޅުނު ސެލީނާ ގޯމޭޒް އެންމެ ފަހުން ގުޅުނީ ނިކް ޖޯނަސް އާއި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ގުޅުނު ބައެއް ތަރިންގެ ތެރޭގައި ވީކެންޑް، ނިކް ޖޯނަސް، ޗާލީ ޕުތް، އޯލަންޑޯ ބްލޫމް އަދި ޖަސްޓިން ބީބާ ހިމެނެއެވެ. 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޮން އެންޑް އޮފް ކޮށް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާ އެކު އުޅުމަށް ފަހު ދެމީހުން ވަނީ ރަސްމީކޮށް 2018 ވަނަ އަހަރު އެ ގުޅުން ނިންމާލާފައެވެ. ޖަސްޓިން ބީބާ މިހާރު އުޅެނީ މޮޑެލް ހެއިލީ އާ ކައިވެނި ކޮށްގެންނެވެ.