މަސްތުގެ ހާލަތުގައި ސަލާން ޖަހަން އުޅޭ މީހުންނަށް ފަރުވާ ދޭން ފަށައިފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ، މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންގެ ތެރެއިން އާންމުކޮށް މަގު މަތިން ފެންނަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމަށާއި އެމީހުންނަށް މިހާރު މަރުކަޒުތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ފޭރުމާއި އެކި ކުށްތައް ކޮށްގެން ވެސް ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވެސް ފަރުވާ ދެމުންދާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މި މީހުންނަށް ފަރުވާ ދޭން ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ބޭސްތައް ކަމަށް ޝަމާއު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ މީހުންނަށް ބޭނުންވަނީ ބޭސް އެކަނި ނޫން ކަމަށާއި އަޅާލުމާއި އެހީތެރިކަން ވެސް ބޭނުންވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދަޅުވީ، އެ މީހުން މުޖުތަމައުއަށް ނެރުމަށް މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަސްތުގެ ހާލަތުގައި މާލޭގެ އެކި މަގުތަކުގައި ނިދާ އުޅުމާއި ބޮޑެތި، ފިހާރަތައް ކުރިމަތީގައި ސަލާން ޖެހުމަށް ތިބޭ މައްސަލައަކީ އާއްމުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.