ރާއްޖޭގައި މީހުންނަށް އަނިޔާކުރަން ކެރެނީ އެފަދަ އަމަލުތައް ކުރާ މީހުން 200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާތީ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

ގދ. މަޑަވެލީގައި ފިރިހަނަކު، އަންހެނަކަށް އަނިޔާކޮށް މަގުމައްޗަށް ނެރެ ދަމާ ކޫއްތައިގެން މަގުމަތީގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއަގައި ދައުރުވަމުން އަންނައިރު މި މައްސަލައާއި ގުޅިގެން 33 އަހަރުގެ ފިރިހަނަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރޮޒައިނާ ވިދާޅުވީ ބިރެއްނެތި މީހުންނަށް މިފަދަ އަނިޔާތައް ކުރަން ކެރެނީ ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާތީ ކަމަށެވެ. "ދެން 200 ރުފިޔާއިން ޖޫރިމަނާ ކޮށްފަ މި މީހާ ދޫކޮށްލާނީ އެއް ނޫން. މިހިރީ ވާ ވަރަށް ހެކި ފެންނަން" ރޮޒައިނާ ވިދާޅުވިއެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި 'ދޯދިޔާކަން' ހާމަކުރައްވަމުން ރޮޒައިނާ ވިދާޅުވީ މީ މުޖްތަމައުއަށް ނުރައްކާތެރި މީހުން ކަމަށާ މި މައްސަލައިގައި އިންސާފު ލިބެން ޖެހޭކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް މަޑަވެލީ ސިއްހީ މަރުކަޒުން ފަރުވާ ދީފައި ވާއިރު އެމީހާ މިހާރުވަނީ އެ ރަށުން ފުރުވާލާފައެވެ. އެ އަންހެން މީހާ އެ ރަށުން ފުރުވާލުމަށް މަސައްކަތް ކުރަމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ވީޑިއޯ އިން އަނިޔާލިބުނު އަންހެން މީހާ އަދިވެސް 'އަނިޔާކުރި މީހާ' ގެ ގާތަށް އެނބުރި އަންނާނެ ކަމަށާއި 'އައިލަވްޔޫ ޑީކޭ' އޭ ބުނާ އަޑު އިވެއެވެ.