އަފްގާނިސްތާނަށް އައި ބިންހެލުމުގައި މިހާތަނަށް 11 މީހުން މަރުވެ 300 މީހުންނަށް އަނިޔާވެފައި ވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަފްގާނިސްތާނުގެ ފައިޒާއާބާދު ސިޓީއަށް 6.6 މެގްނަޓެއިޑް ބާރު މިނުގައި އައި ބިންހެލުމުގެ އަސަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ޗައިނާ އަށްވެސް ވަނީކޮށްފައެވެ. މި ބިންހެލުމަށްފަހު 3.7 މެގްނަޓެއިޑްގެ އާފްޓާޝޮކް އައިސްފައި ވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.
އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓްއިން ބުނީ އެ ގައުމަށް އައި ބިންހެލުމުގައި ލަގްމާން ޕްރޮވިންސުން 2 މީހުން މަރުވެފައިވާކަމަށާ މި އަދަދު މިއަށްވުރެ އިތުރުވުންވެސް އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން މި ބިންހެލުމުގައި ޕާކިސްތާނުން 9 މީހުން މަރުވެފައިވާކަމަށް މ އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމެންޓުން ވަނީ ބުނެފައެވެ. އަދި ޕާކިސްތާނުން މަރުވި މީހުންގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭއިރު ބިންހެލުމުގައި އަނިޔާވި ގިނަ ބަޔަކަށް ފަރުވާދެމުން ދާކަމަށް ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓުން ވަނީ ބުނެފައެވެ.
މި ބިންހެލުމުގައި ޕާކިސްތާނާ އަފްގާނިސްތާނުގެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު ގިނަ އަދަދެއްގެ އިމާރާތްތައްވެސް ހަލާކުވެފައި ވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.
މި ބިންހެލުމުގެ ސަބަބުން އާފްއާނިސްތާނުގެ ބައެއް ހިސާބުތަކުން ބިންގަނޑު ކަޑައިގެން ގޮސްފައިވާއިރު ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުން ދަނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.