ވަޒީފާ ނިންމާލުމަށް ފަހު ގެއަށް ދާން ނިކުތް ނޫރާގެ ކަޅި އަމާޒުވީ އެއްފަރާތެއްގައި ޕާކްކޮށްފައި އޮތް ރަތް ކާރަށެވެ. މަޑު ހިނގުމެއްގައި ގޮސް އެ ކާރަށް އެރި އިރު، ނޫރާގެ ސަމާލުކަން ހުއްޓުފައި ވަނީ އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ.

އެހެން ދުވަސްތަކާ ހިލާފަށް ކާރަށް އެރުމަށް ފަހު މުނާޒަށް ހިނިތުންވުމެއް ރައްދުކޮށްލާކަށް ނޫރާގެ ހަނދާނަކު ނެތެވެ. އެހެން ދުވަސް ދުވަހު މުޅި ދުވަސް ހޭދަވި ގޮތާއި އޮފީހުގައި ވީ ކަންކަން ހިއްސާ ކުރާ ވަގުތަކީ އޮފީސް ނިންމާފައި ގެއަށް ދާ ވަގުތެވެ. ނަމަވެސް މިއަދު ނޫރާގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާ ހިލާފް ހަމަހިމޭން ކަމެކެވެ.

ކޮންމެވެސް ކަމެއް ވީ އޭ ހިތާ ސުވާލުކޮށްލަން އުޅެފައި ވެސް މުނާޒް މަޑުޖެހުނެވެ. ކަަމަކާ ހިތްހަމަނުޖެހިފައި ހުރެ އެ ވާހަކައެއް ނޫރާ ހިއްސާ ކުރަން ބޭނުންވެއްޖިއްޔާ އޭނާ އަކީ އެ ވާހަކައެއް ހިއްސާ ކުރާނެ މީހެކެވެ. ހަމަހިމޭންކަން އިހްތިޔާރު އެ ކުރަނީ އެކަމެއް އަދި ހިއްސާ ކުރަން ބޭނުން ނުވާތީ ކަމަށް މުނާޒް ނިންމިއެވެ. އެހެންކަމުން މި ވަގުތު ސުވާލުތަކެއް ކޮށްގެން ނޫރާ ބޯ ހާސްކޮށްލުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫނެވެ. ނޫރާ އަމިއްލަ އަށް އެވާހަކައެއް ހިއްސާކުރަން ބޭނުންވީމާ އަޑުއަހަން ތައްޔާރަށް ހުރުމަށް ވުރެ ރަނގަޅު ކަމެއް ނޯންނާނެ ކަމަށް މުނާޒް ހިތަށް އެރިއެވެ.

މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން ގޮސް ހުޅުމާލެއަށް ދާން ބްރިޖް މައްޗަށް ކާރު އެރި އިރުވެސް އެ ކާރުތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ދޭތެރެއަކުން ނޫރާ ފޯނަށް ބަލާލައެވެ. އެއަށް ފަހު ފުން ނޭވާއެއް ދޫކޮށްލަމުން މަގުމައްޗަށް ނަޒަރު ހުއްޓާލައެވެ. ނޫރާގެ ހަރަކާތްތަކަށް ބަލަން އިން މުނާޒްގެ ހިތަށް އުނދަގޫވަމުން ދިޔަ ނަމަވެސް އޭނާ ބަހެއް ނުބުނެ ކެތްކޮށްލީ ވާހަކަ ދައްކަން ރަނގަޅު ވަގުތު އައިސް ޖެހެންދެނެވެ.

ހުޅުމާލެއަށް އާދެވުމާއެކު ނޫރާ ބޭނުންވީ ގެއަށް ދިއުމުގެ ކުރިން އޭނާ ހިންގަމުންދާ ފިހާރައިގެ މަސައްކަތްތައް ހުރި ގޮތް ބަލާލުމަށް އެ ފިހާރައަށް ދާށެވެ. އާންމުކޮށް ނޫރާ ފިހާރައަށް ދަނީ ވަޒީފާއަށް ފަހު ގެއަށް ގޮސް ގޭގެ ކަންކަން ނިންމާލައި، ފިހާރަ ބަންދު ކުރަން ގާތްވުމުންނެވެ. ނަމަވެސް މިއަދު ހަވީރުގެ އެ ވަގުތު ފިހާރައަށް ދާން ނޫރާ އެދުމުން މުނާޒަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.

"މިއުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ... މިރޭ ބޭރަށް ދާކަށް ބޭނުމެއް ނޫން... އެހެންވެ ފިހާރައަށް ވަދެލާފަ ގެއަށް ދާނީ... އޯކޭ ތަ؟"

ހުއްދައަކަށް އަހާ ފަދައިން ނޫރާ ވާހަކަ ދެއްކުމުން ނޫރާގެ މޫޑް އެހާ ރަނގަޅު ނޫން ކަން މުނާޒަށް ނަގައިގަންނަން އެނގުނެވެ. ނޫރާއަކީ އޭނާ ބޭނުންވެއްޖެ ކަމެއް ކުރާނެ މީހެކެވެ. ބޭނުންވާ ގޮތް ބުނެފަ ހުއްދައަށް އަހާފަދަ ގޮތަކަށް ވާހަކަ ދެއްކުން ހުރުމުން މިއަދު ނޫރާއަށް ކޮންމެވެސް ކަމެއް އެބަ އުނދަގޫ ކުރެއެވެ. ހިތާހިތުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ މުނާޒް ނޫރާގެ ނިންމުމާ ދެކޮޅަށް ބަހެއް ބުނަން ނުހަދާ އޭނާގެ މިސްރާބު ބަދަލުކޮށްލީ އެ ފިހާރަ ހުރި ދިމާއަށެވެ.

ފިހާރައަށް ވަދެފައި ވެސް އެތާ ވެސް ނޫރާ މާ ގިނަ އިރަކު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އެތަނުގައި ތިބި މީހުން ގާތު ސޭލްސް ނިންމާލުމަށް ފަހު އޭނާއަށް މެއިލް ކުރަން ބުނެފައި ގެއަށް ދާން ނިކުތެވެ. ނޫރާއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރި މުނާޒް އަވަހަށް ކާރަށް އަރާ ސްޓާޓް ކޮށްލީ ދެން ދާން އޮތް މަންޒިލަށް ދަތުރު ފަށަމުންނެވެ. މި ގަޑީ ނޫރާ ގޮވައިގެން ގެއަށް ދިއުމަކީ މުނާޒު ވެސް ބޭނުންވި ގޮތެވެ.

ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭގެ ދޮރު މައްޗަށް އެ ކާރުގެ ދުވެލި މަޑުކޮށްލުމުން ނޫރާ ކާރުން ފޭބިއެވެ. ކާރު ޕާކްކޮށްފައި މުނާޒް އަންނަން ދެން ދުވާރު މަތީ ނޫރާ މަޑުކޮށްގެން ހުރީ ފޯނުން މީހަކާ ޗެޓް ކުރާށެވެ. މުނާޒް އައުމާއެކު ފޯންގެ ސްކްރީން ނިއްވާލުމަށް ފަހު ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތީ މޫނާޒާ ހަތަރުކަޅި ހަމަކޮށް ހިނިތުންވުމެއް ވެސް ރައްދުކޮށް ނުލައެވެ.

އެޕާޓްމަންޓްގެ ދޮރު ހުޅުވާލި އިރު މުޅި ގޭތެރެ އޮތީ އަނދިރިކޮށެވެ. އެތެރެއަށް ވަދެ ފައިވާން ބާލަމުން މުނާޒްގެ މޫނަށް ނޫރާ ބަލާލަމުން ސުވާލުކޮށްލީ އޭނާގެ ދަރިފުޅު ވީތަނެއް އޮޅުން ފިލުވާށެވެ.

"ކޮބާ މައި، މަންމަމެން ގެއަށް ދިޔައީތަ؟.. ނުވެސް ބުނަމެއްނު..."

އެއް ފައްޗަކަށް ނޫރާގެ ސުވާލުތައް އަމުނާލުމުން ވެސް މުނާޒު އެއިން ސުވާލަކަށް ޖަވާބު ދޭކަށް މަޑެއް ނުކުރިއެވެ. ނޫރާ ފައިވާން ބާލަންވާ އިރަށް މުނާޒު ގޭތެރެއަށް ވަނީއެވެ. މުނާޒްގެ ހަރަކާތްތައް ހުރިގޮތުން މިފަހަރު ނޫރާއަށް ހައިރާން ކަމެއް ލިބުނެވެ. ފައިވާން ބޭލުމަށް ފަހު ބޫޓު ބަހައްޓާ ރެކްގެ ވަތްގަނޑު ހުޅުވާލި ވަގުތު އިވުނު ބާރު އަޑު ފައްގަނޑާ އެކު ނޫރާ ދިޔައީ ސިއްސައިގެންނެވެ.

އަތުން ހިފަހައްޓައިގެން ހުރި ފައިވާން ދޫކޮށްލުމަށް ފަހު ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ދެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. މުޅިތަނަށް ހަމަހިމޭންކަން ވެރިވުމުން ކަންފަތްމަތިން އަތްނަގާ ދެލޯ ހުޅުވާލަމުން އަޑު އައި ދިމާއަށް ނޫރާ އެނބުރިލިއެވެ.

އެ ވަގުތު މުޅި ގޭތެރެއަށް އަލިވެގެން ދިޔައެވެ. 5 އަހަރުގެ ދަރިފުޅު މައިގެ ހިނިގަނޑު މުޅި ގޭތެރޭގައި ގުގުމަމުން ދިޔައެވެ.

"ހެޕީ ބާތް ޑޭ ޓޫ ޔޫ.. ހެޕީ ބާތް ޑޭ ޓޫ ޔޫ..."

މުނާޒާއި، ނޫރާގެ މަންމަ ޒުލޭހާ އަދި މައި ދިޔައީ އެމީހުންގެ ފުއްޕާމޭ ފަޅައިގެންދާ ވަރަށް އަޑުގެ ނެތް ތަނަށް ލަވަ ކިޔަމުންނެވެ. މޭޒުމަތީ ހުރި ކޭކާއި ފުއްޕާހަމުން ޖަރީކޮށްފައިވާ ސިޓިން ރޫމަށް ނޫރާ ނަޒަރު ހިންގާލިއެވެ.

ހިނިތުންވާން މަސައްކަތް ކުރަމުން ކޭކް ކައިރިއަށް ހުއްޓިލި ނޫރާ އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން މާޔޫސްކަމުގެ ކުލަތައް ޒުލޭހާއަށް ފެނުނެވެ. ދެއަތަށް ކަޅި ހިންގާލަމުން މޫނަށް ނޫރާ ޖައްސާލި ވައްތަރުން އެ ބުނީ ކީކޭކަން ޒުލޭހާއަށް އެނގުނެވެ. އެއާއެކު ފޫހި ވައްތަރެއް ޖައްސާލަމުން އަނގަަ ޗޭކޮށްލާފައި ޒުލޭހާ ދެކޮނޑު އަރުވާލީ ނޫރާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

އެ ދެމައިންގެ ދެމެދުގައި އިޝާރާތުން ދެކެވެމުން ދިޔައީ އެތައް ވާހަކައެއް ކަން މުނާޒަށް އެނގުނެވެ. އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު މާމަގެ މޫނަށް ބަލަން ހުރި މައިއަށް ވެސް ކަމެއް ގޯސްވެއްޖެ ކަން ނަގައިގަންނަން އެނގުނެވެ. އެ ކުއްޖާ އެއްޗެކޭ ނުބުނަނީސް މުނާޒް ވަޅިއެއް ހިފައިގެން އައިސް ނޫރާ އާ ދިމާއަށް ވަޅި ދިއްކޮށްލަމުން ބުނެލިއެވެ. "ދެން ހިނގާ އަވަހަށް ކޭކް ފަޅަން... މައި ކެންޑްލް ރޯކުރަނީ އިނގޭ..."

މުނާޒް ދިއްކުރި ވަޅީގައި ނޫރާ ހިފި އިރު އޭނާ ހުރީ ފެންކަޅި ވެފައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން އޭނާ ހަލުވިކޮށް އެސްފިޔަތައް ތަޅުވާލީ ހިނިތުންވާން މަސައްކަތް ކުރަމުންނެވެ. ނޫރާގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުރި މައި އާ ދިމާއަށް ބަލާލަމުން ނޫރާ އެ މަންޖެ އުރާލީ އޭނާގެ ދަރިފުޅު ހިތުގައި ޖައްސަން ބޭނުން ނުވާތީއެވެ. ހިތުގައި އުފެދެމުން ދިޔަ ރިހުން ފޮރުވަމުން އުފާވެރި ވަގުތު ހަރާބުކޮށްލަން ބޭނުން ނުވާތީއެވެ.

"ކާކް ޗޫސް ކުރި ކޭކެއް މީ. މައިތަ؟...ހާދަ ލޯބި ކޭކެކޭ.. ވަރަށް މީރުވާނެ ދޯ. ތެންކިއު ސޯ މަޗް. އައިމް ސޯ ހެޕީ...." ކޭކް ފަޅަން ތައްޔާރުވެގެން ހުރެ މައި ދެރަވެދާނެތީ އެއް ފައްޗަކަށް ވާހަކަ ދައްކަމުން ދިޔަ ނޫރާގެ ބަސް ހުއްޓުނީ އެ ތުއްތު ކުއްޖާ ބުނި ޖުމްލައިންނެވެ.

"ނޯ... ޔޫއާ ނޮޓް ހެޕީ... އައިނޯ ވައި... ޒޫނާ ދައްތަ ނެތީމަ މަންމަ ތިހުރީ ސޭޑް ވެފައެއްނު... ވެއާ އިޒް ޒޫނާ ދައްތަ؟"

މައިގެ ޖުމްލަތައް ތީރުތަކެއް ހެން އައިސް ހެރުނީ ސީދާ ނޫރާގެ ހިތަށެވެ. ކިތަންމެ ކުޑަ ކުއްޖަކަށް ވިޔަސް އެ ކުއްޖާއަށް އޭނާގެ އިހްސާސްތައް ދެނެގަންނަން އެނގުނީމަ ހައިރާންކަމެއް ލިބުނެވެ. ލިބުނު ހައިރާންކަމާއެކު ނޫރާ އޭނާގެ މަންމަގެ މޫނަށް ބަލާލީ އަނެއްކާ މަންމަ އެ ކުއްޖާއަށް އިވޭ ތަނެއްގައި އެއްޗެއް ބޫނީ ކަމަށް ހީކޮށެވެ. އޭރު ޒުލޭހާގެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައީ ހައިރާން ކަމެކެވެ.

- ނުނިމޭ -