އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން، ރަނިން މޭޓަކަށް ހަމަޖެއްސުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ކޯލިޝަނަކާ އެކު ވާދަކުރުމަށް ޖުމްހޫރީ ޕާޓީން މިދިޔަ އަންގާރަ ދުވަހުގެރޭ ނިންމައި، ޖެހިގެން އައި ދުވަހު ވަނީ އެ ޕާޓީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލައިފައެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުމޫންގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ގާސިމްގެ ރަނިން މޭޓަކަށް ފާރިސް ހަމަޖެއްސުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށާއި، އެއީ ގާބިލް އަދި ތައުލީމީ ބޭފުޅެއް ކަމަށެވެ.

ނަމަވެސް ފާރިސް ރަނިން މޭޓަކަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެފަދަ ހުށަހެޅުމެއް މިއަދުގެ ބައްދަލުވުމުގައި ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ، ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ހިސާބަށް މަޝްވަރާތައް އަދި ނުދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޅިން ވެސް މަޝްވަރާކޮށްފައި ވަނީ ގައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތަކާ މެދުގައެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އެމްއާރުއެމުން ނިންމުން ނިންމާނީ، ފާރިސް ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެނެއް ނޫނެވެ.

ގާސިމާ ބައްދަލުކުރެއްވުމުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫން ވަނީ، އެމަނިކުފާނުގެ ކުރީގެ ޕާޓީ އަދި އިދިކޮޅު ޕީޕީއެމާ އެކު ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަނެއް ހައްދަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.