ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.

އެމްޑީފީ އެތެރޭގެ ޕްރައިމަރީ ކާމިޔާބު ކޮށް ޓިކެޓު ހޯދީ އެ ޕާޓީގެ މެންބަރު، މުހައްމަދު ޝާޒްއެވެ. ޝާޒް އާ އެކު ކެމްޕެއިން ހަރަކާތްތައް ފަށާފައި ވަނީ ކ.ގުޅިންނެވެ. މިއަދު ފެށުނު މި ކެމްޕެއިން ދަތުރުގައި އެމްޑީޕީގެ އިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން އެމްޓީސީސީގެ ސީއީއޯ އާދާމް އާޒިމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ދަތުރުގައި ގުޅީގެ އިތުރުން އެ އަތޮޅު މާފުށްޓާއި ގުރައިދޫ އަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމްއާއި އެމްއެންޕީގެ ފަރާތުން ވެސް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ކުރިމަތިލާފައެވެ. އެ ދެ ޕާޓިންވެސް ވަނީ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ.

އެގޮތުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރަނީ، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއެވެ. އެ ގޮނޑި މީގެ ކުރިންވެސް ފުރުއްވަމުން ގެންދެވި ރިޒާއަކީ ޕީޕީއެމްގެ މެންބަރެކެވެ. އެއާއެކު ޕީޕީއެމް އިން ވަނީ އެ ގޮނޑި ކާމިޔާބު ކުރުމަށް ގިނަ މަސައްކަތް ތަކެއް ފަށާފައެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ތިން ރަށެއްގައި، ޑޯޓު-ޑޯ ކެމްޕެއިން ފަށާފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަށް ޕީޕީއެމް އިން އެރަށުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން

އަދި އެމްއެންޕީގެ ފަރާތުން ނިކުންނަ އަލީ އަރީފުގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ވަނީ އެ ޕާޓީގެ ރައީސް، މުހައްމަދު ނާޒިމް ހިމެނޭހެން އެ ޕާޓީގެ އިސް މެންބަރުންގެ ޓީމެއް ގުރައިދޫއަށް ވަޑައިގެން ކެމްޕެއިއިން ރަސްމީކޮށް ފަށާދެއްވާފައެވެ.

ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަށް އެމްއެންޕީ އިން އެރަށުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ. އަދި އެ ދުވަހު، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.

ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އެ މަގާމު ފުރުވަމުން ގެންދެވި އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ.