މި ފެށޭ ރޯދަމަހަކީ، ކީރިތި ގުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަހްލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ސާހިލުކުރި ފަރާތްތައް ފާހަގަކުރައްވާ އެ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުގައި ތަޖުވީދު މަގުން ކީރިތި ގުރްއާން ކިޔެވުމާއި ކީރިތި ގުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާހިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުން ތިބިނަމަވެސް ހާފިޒުންގެ ގޮތުގައި ދެމިތިބުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރޯދަ މަހު ތަރާވީހް ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގިނަ އަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސް ވިދާޅުވީ، އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ގުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވާ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ހާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސް ދެއްވާ ހާއްސަ އިނާމު އަދި 2022 ވަނަ އަހަރު ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

ރައީސް އޮފީހުން ބުނީ، މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމިއްޔާތަކާއި ގުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވާ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ހާފިޒުންގެ ބައިގައި 23 ބައިވެރިން ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.