ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް މާލެ އަތޮޅު ކާށިދޫ ރައްޔިތުންނަށް މަސްދަޅާއި ގެރި ކިރު ބަހަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެންބަރު ވިދާޅުވީ މި ތަކެތި ބެހުމަށް ހަމަޖެހިފައި ވަނީ ރަށުގަ ދިރިއުޅޭ ދިވެހިންނަށް ކަމަށެވެ. އެގޮތުން ބޮލަކަށް ފަސް މަސްދަޅާއި ތިން ގެރި ކިރު ދަޅު ދޭން ނިންމާފައިވާ ކަމަށް މައުލޫމާތު ދިނެވެ.

ރޯދަމަސް ފެށުމުގެ ކުރިން މިތަކެތި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުންޏެވެ. ކާށިދޫ އަކީ 1700 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އެކުލެވޭ ރަށެކެވެ. އަދި 86.42 ކިލޯމީޓަރުގެ ބޮޑު މި ރަށަކީ ދަނޑުވެރިކަމުގެ ރޮނގުންވެސް ހާއްސަ ކޮށްލެވޭ ރަށެކެވެ.

ރޯދަ މަހަށް ހާއްސަކޮށް އެކި ރަށް ރަށުގެ ކައުންސިލުން ދަނީ އެ ރަށެއްގެ ރައްޔިތުންނަށް އެކި ތަކެތި ބަހާ އެހީތެރިކަން ފޯރު ކޮށްދެމުުންނެވެ.

އެގޮތުން ބ.އަތޮޅި އޭދަފުށީގެ ކޮންމެ ގެއަކަށް 30 ކާށި ވަނީ އެ ރަށު ކައުންސިލުން ބަހާފައެވެ. އަދި ފ.މަގޫދޫގައި ވެސް ރަށު ރައްޔިތުންނަށް ވަނީ ކާށި ބަހާފައެވެ. ރޯދަ މަހަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު މުސްލިމް އުންމަތެކޭ އެއްފަދައިން ރާއްޖޭގައި ވެސް ދަނީ ރޯދަ އަށް ހާއްސަކޮށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކަލަންޑަރުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވަނަ ދުވަހެވެ.