ރަޝިއާއިން ޔޫކްރައިން އަަށް އަރާ ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ރަޝިއާއަށް މިއަދު ވަޑައިގަންނަވާނެއެވެ.
ދަތުރު ހަމަޖެހިފައިވާ ގޮތުން މިއަދު ފުރަތަމަ އޮންނަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމެވެ.
ރަސްމީ ވާހަކަތައް މާދަމާ އަށް ތާވަލު ކޮށްފައި ވާ އިރު، ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން ޗައިނާއިން ހުށަހަޅާފައިވާ 12 ނުކުތާގެ ހުށަހެޅުމާ ގުޅޭގޮތުން ދެ ވެރިން މަޝްވަރާ ކުރައްވާނެއެވެ.
މިދިޔަ މަހު ޗައިނާއިން އާންމު ކުރި އެ ހުށަހެޅުމުގައި މައިގަނޑުގޮތެއްގައި ބާރު އަޅާފައި ވަނީ ހަނގުރާމަ ހުއްޓާލުމާއެކު ސަރަހައްދަށް ސިޔާސީ ހަމަޖެހުމެއް ގެނައުމަށެވެ. އެގޮތުން، ދެގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް އެއްބަޔަކު އަނެއް ބަޔަކު އަރއި ނުގަތުމާއި، ރަޝިއާގެ ސަލާމަތާއި މިނިވަންކަމަށް ހުރަސް އެޅޭނެ ކަންކަން ނުކުރުމަށް ދެފަރާތުން އެއްބަސް ވުން ހިމެނެއެވެ.
ޗައިނާގެ ހުށަހެޅުމަށް ހުޅަނގާއި އެމެރިކާއިން ފާޑު ކިޔައި އެއީ ރަޝިއާއަށް މޮޅުވާ ގޮތަށް އޮތް ހުށަހެޅުމެއް ކަމަށް ބުނެ ވަނީ މަލާމާތް ކޮށްފައެވެ.
ޗައިނާއިން "ސުލްހަވެރިޔާ" ގެ ރޯލު އަދާ ކުރަމުން ދާ އިރު، ޔޫކްރައިން ހަނގުރާމައިގައި ޗައިނާއިން ވަކި އަތަކަށް ނުޖެހެއެވެ. ނަމަވެސް ހުޅަނގާއި އެމެރިކާއިން ރަޝިއާ ކުށްވެރި ކުރި ނަމަވެސް، ރަޝިއާ ކުށްވެރިކުރުމަށް ޗައިނާ ދެކޮޅު ހަދައެވެ.
ރަޝިއާއިން ޔޫކްރައިން އަށް އެރުމުގެ ދުވަސް ކޮޅެއް ކުރިން، ރަޝިއާ އާއި ޗައިނާއިން ވަނީ "އިމެއް ނެތް" އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ދަށުން ވިޔަފާރީގެ މުއާމަލާތްތައް އިހުނަށް ވުރެ ފުޅާކޮށް ދެގައުމުގެ ދެމެދުގައި ކުރާ ދަތުރުތައް ވަނީ އިތުރު ކޮށްފައެވެ.
ހަބަރުތައް ބުނާގޮތުން، ޝީގެ މި ދަތުރުގައި ޔޫކްރައިންގެ ރައީސް ވަލްޑިމިއާ ޒެލޮންސްކީއާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާނެ ކަމަށް ބުނެއެވެ. ނަމަވެސް މި ވާހަކަ ޗައިނާގެ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.