މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ކަންކަމާ ގުޅޭ މަސައްކަތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ މީހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
އެކޯޕަރޭޝަނުން ބުނީ އަލުން މީހުން އިއުލާންކޮށްފައިވަނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ.
މަގާމަށް ކުރިމަތިލެވޭނީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު ފިރިހެނުންނަށެވެ. އަދި ވޮލަންޓިއަރުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން ވާހަކަ ދައްކަން އެނގޭ، ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އެދޭ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައެވެ.
ރާއްޖެއަށް ސައުދީއިން މިއަހަރު ދޫކޮށްފައި ވަނީ 1000 ކޯޓާ އެވެ. އޭގެތެރެއިން 730 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އިތުރު ޖާގަ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު އަލީ ޒާހިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަ ކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.
ފާއިތުވި އަހަރުތަކާ ހިލާފަށް، މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލިމިޓެއް ނެތި ސައުދީން ހައްޖަށް މީހުން ގެންދާނެ ފުރަތަމަ އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށުނުތާ 3 އަހަރު ފަހުން ކުރީގެ އުސޫލަށް ހައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ ގައެވެ.