އެސްޓީއޯއިން ވިއްކާ ފިޔާ އާއި ބިހާއި އަލުވީގެ އަގު އިތުރަށް ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަލުވި ބަސްތާއެއް 240 ރުފިޔާއަށް ލިބޭނެ ކަމަށާއި ފިޔާ ބަސްތާއެއް 160 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ބިސް ކޭހެއް 280 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފެށުނުއިރު ފިޔާ، އަލުވި އަދި ބިސް އެސްޓީއޯއިން ވިއްކީ 300 ރުފިޔާއަށް ކޭސް/ ބަސްތާ ނަމަވެސް މި މަސް ފެށުނު އިރު އެ އަގުތައް ވަނީ ތިރިވެފައެވެ.
އަގުތައް ހެޔޮވި ނަމަވެސް ރީޓެއިލް އަގުތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެގޮތުން އަލުވި ކިލޯއެއް 11 ރުފިޔާއަށް ލިބޭއިރު ފިޔާ ކިލޯއެއް ލިބެނީ 9 ރުފިޔާއަށެވެ. އަދި ބިހެއް ލިބެނީ 1.75 ރުފިޔާއަށެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނީ ހުސްވި ރޯދަމަހަށް ވުރެ ހެޔޮ އަގުގައި ފިޔާ، އަލުވި އަދި ބިސް ލިބޭނެ ކަމަށާއި އަދި އެތަކެތި ހުސްވުމެއްނެތި ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔަރީތައް ވެ ނިމިފައިވާ ކަމަށެވެ.
އެސްޓީއޯ އިންޑަސްޓްރިއަލް ވެއާ ހައުސް ކައުންޓަރުންގެ ނަމުގައި މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި މިހާރުވަނީ އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ގާއިމް ކޮށްފައިވާއިރު މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
އެސްޓީއޯއިން އިތުރަށް ބުނީ މިހާރު އެސްޓިއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން ފައިސާބަލައިގަނެ، އިންވޮއިސް ހަދާ އަދި މުދާ ދޫކުރެވޭނެ ކަމަށާއި ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓް އިންވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.