ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ސްޓޫޑަންޓް ލޯނަށް އެދުމަށް ހުޅުވާލާފައިވާ 720 ފުރުސަތަށް 1507 އެޕްލިކޭޝަން ލިބިފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޭތުވެ ދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް މިއަހަރު ޖާގަ އިތުރު ކޮށްފައިވާ ކަަމަށެވެ، މި ގޮތުން މިދިޔަ އަހަރު ޕައިލެޓް ޓްރެއިނިން ހަދަން ހުޅުވާލި 10 ފުރުސަތު މި އަހަރު 60 އަށް ބަދަލު ކޮށްފައި ވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޑިގްރީ ފެންވަރަށް އެމްބީނީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެއިން ބޭރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދާއިރާތަކުން ފުރުސަތު އިތުރުކޮށްފައި ވަނީ ވޭތުވެ ދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މި ދާއިރާތަކުން އާދަޔާ ހިލާފަށް ގިނައިން ލޯނަށް އެދިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ލޯނު ނަގާއިރު ލޯނަށް އަރާވަރުގެ ޖުމްލަ ދަރިވަރުންނަށް އެގޭނެކަމަށާ ފަހުންވެސް އެ އަދަދު އިތުރު ނުވާނެ ކަމަށެވެ. އިތުރަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ސްޓޫޑެންޓް ލޯނުވެސް އެކުލަވާލާފައި ވަނީ ޓްރެއިންން ނީޑް ރިކުއާމަންޓް އަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކަރު ހިއްސާވާ ކުންފުނިތަކާ އަދި ގައުމަށް މީހުން ބިނާކުރުމަށް ބޭނުންވާ އެކި ދާއިރާތަކަށް މަގުފަހިކޮށް ދިނުމަށް ކަމަށެވެ.