އިންތިހާބުތަކުގައި ވޯޓުލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީހެއްގެ އެހީއާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހޭ ގޮތް ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅަން ނިންމައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 11/2008) އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް މިއަދު ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެ އިސްލާހުގައި ހިމެނެނީ އިންތިހާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓް ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށެވެ. އެގޮތުން އެ ފަރާތްތަކުން ވޯޓު ލާއިރު، އެކަމަށް ހާއްސަ ކޮށްފައިވާ، ޕްލާސްޓިކް ޑިވައިސެއް ވޯޓު ކަރުދާހުގެ މަތީގައި ބާއްވައިގެން ވޯޓް ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމް ހަމަަޖެއްސުމާއި އެ ފަރާތުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް ވެސް އެ އިސްލާހުގައި ވެއެވެ.
މިއުވާން ވިދާޅުވީ، މި އިސްލާހު މަޖިލީހަށް ހުށަހަޅަން ނިންމީ އިންތިހާބު ތަކުގައި ވޯޓުލާ އިރު، ތަފާތު އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށެވެ. އަދި މި ނިންމުން ނިންމާފައި ވަނީ ވެސް އެކި ޖަމިއްޔާތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވެސް ރިޔާއަތް ކުރުމަށް ފަހުގައި ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންން ފަރާތްތަކަށް ލިބިގެން ދާނެ އުފާވެރި ހަބަރެއް ކަމަށް ވެސް މިއުވާން ފާހަގަ ކުރެއްވިއެވެ.
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 283،272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
މީގެ އިތުރުން ޖޭޕީން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލާފައެވެ.