ރާއްޖޭގައި ހަމައެކި ދިވެހި ފިލްމު އަޅުވަން ހާއްސަ ކޮށްފައިވާ އޮލިމްޕަސް ސިނަމާގައި އަޅުވާ ފިލްމުތައް އަތޮޅުތަކުގައި އެޅުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ފިލްމު އަޅުވަން ޑިސްޓްރިބިއުޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.
ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަން އަދި ސެޓާންސް ސްޓޫޑިއޯއިން ގުޅިގެން މި މަސައްކަތް ފެށިއިރު ފިލްމީ ތަރި އަލީ ސީޒަން ބުނީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ޖަމިއްޔާ ޖަމާއަތްތަށް ގުޅިގެންވެސް މި ފުރުސަތުގެ ބޭނުން ހިފިގެންދާނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކުން ޑިސްޓްރިބިއުޓަރަކަށް ވެވޭނީ އެކަކަށް ކަމަށާއި ރަޖިސްޓްރީ ވުމަށްފަހު ފިލްމު އެރަށެއްގައި އެޅުވޭނީ ކުންފުނިންދޭ އެގްރީމަންޓުގައި ސޮއިކުރުމަށްފަހު ކަމަށެވެ.
ސީޒަން ބުނީ ކޮންމެ ފިލްމެއް ދެއްކުމުގެ ކުރިން ޑިސްޓްރިބިއުޓާ ފީގެ ގޮތުގައި ކޮންމެ ޝޯ އަކަށް 5000 ފިލްމު އުފައްދާ ފަރާތަށް ލިބެންޖެހޭނެ ކަމަށެވެ. އޭނާ ބުނީ ރަށްރަށުގައ ފިލްމު އެޅުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގަައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ މީހުންނަށް ދިވެހި ފިލްމުތައް ދެއްކުން ކަމަށެވެ. އަދި ދިވެހި އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.
ފިލްމު ދައްކާ ހޯލަށް އެންމެ ގިނަވެގެންވެސް އެއްފަހަރާ ވަދެވޭނީ ޖުމްލަ 400 މީހުންނަށް ކަމަށާއި ފީ ދެއްކުމުން އޭ1 ސައިޒްގެ ފަސް ޕޯސްޓަރާ އެކު، ޕްރޮމޯޝަނަށް ބޭނުންވާ ޓިކެޓާއި ޕޯސްޓަރުގެ ސޮފްޓްކޮޕީގެ އިތުރުން ޕްރޮމޯޝަނަށް ބޭނުންވާ އެހެން ތަކެތި ލިބިގެންދާނެއެވެ.
އޮލިމްޕަހުގައި ދެން އެންމެ އަވަހަށް ދައްކާނީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ. އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު އެ ފިލްމު އޮލިމްޕަހުގައި އަޅުވާނެއެވެ. ލޭގެ އިތުރުން ގދ. ތިނަދޫ، ސްރީލަންކާގެ ކޮލަމްބޯ އަދި ނުއަރަލިޔާ ގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ތިނަދޫގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ފިލްމީ ތަރިން ކަމުގައިވާ އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) އެވެ.