ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި މި ޕްރޮގްރާމުގެ ދަށުން މާލޭގެ 12 ސަރަހައްދެއް ސާފުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ސާފުކުރުމަށް ނިންމާފައިވާ މާލޭގެ ސަރަހައްދުތަކަކީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނު، މާކެޓް ސަރަހައްދު ހިމެނޭހެން އެހެންވެސް އާންމު ތަންތަނާއި މޫދެވެ.

މި ޕްރޮގްރާމަކީ މާޗު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މާލޭގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އަދި ގދ. ތިނަދޫގައިވެސް ބޭއްވުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިދިޔަ އަހަރުވެސް ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިން ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.