ކުޅުދުއްފުށީ ސިޓީ ޖެޓީ ބޮޑުކުރުމުގެ މަޝްރޫއު އާއި އއ. މަތިވެރި އަދި ކ. ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ނ. ކެނދިކުޅުދޫ ބަނދަރު ތަރައްގީ ކުރުމާއި ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ހުރިހާ މަޝްރޫއެއްގައި ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސާ އާދަމް އާޒިމެވެ.

ކުޅުދުއްފުށި ސިޓީ ޖެޓީ ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، 1،531 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި ޓިމްބާ ޖެޓީތައް ބޮޑުކުރުމާއި ޖެޓީތަކުގެ ދެމެދުގައި ޓިމްބާ ޕްލެޓްފޯމްތައް ހަރުކުރުމާއި އެއްގަމުތޮށި މަރާމާތު ކުރުމުގެ އިތުރުން ފްލޯޓިންގް ޖެޓީގެ ސްޕަން ޕައިލް ބޮޑު ކުރާނެއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 12.10 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށެވެ.

ކ ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 53 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމާއި 127 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށްވާއިރު މި މަޝްރޫއު ހަވާލުކޮށްފައިވަނީ 10.93 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށެވެ.

އއ މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމަނާފައިވަނީ 54 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 483 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމާއި 111 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 17،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރުމަށެވެ. މި މަޝްރޫއަކީ 23.04 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

ނ ކެނދިކުޅުދޫ ބަނދަރު ތަރައްގީ ކުރުމާއި ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަސްތެރޭ ނިންމުމަށް 73.16 މިލިއަން ރުފިޔާއަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ހަވާލުކޮށްފައިވަނީ 28،393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި 30،480 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 12،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރުފުންކުރުމާއި 12،038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމާއި 14،220 ކިއުބިކް މީޓަރުގެ ދޯނިއެހެލާ ސަރަހައްދުގެ ނެރު ފުންކުރުމާއި 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 246 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 249 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއްހެދުމާއި 1990 އަކަ މީޓަރުގެ ހާބާ ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމަށެވެ.

ފާއިތުވި 42 އަހަރުތެރޭގައި އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.