ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މުހައްމަދު ޝާޒް، ފައިވްރޯޒް / ކ. ގުރައިދޫ ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަށް ބަލާލާއިރު، ޝާޒް ކުރީގައި އުޅުއްވަނީ 311 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ގުރައިދޫން ލިބުނު 171 ވޯޓާއި، ގުޅިން ލިބުނު 29 ވޯޓާއި، މާފުށިން ލިބުނު 82 ވޯޓުގެ އިތުރުން މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ 29 މީހުންގެ ވޯޓުންނެވެ.

ޝާޒްގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރީ:

  1. މުހައްމަދު މުސްތަފާ، ވިވިޑް / ކ. މާފުށި (66 ވޯޓު)
  2. ސަލްމާން ރަޝީދު، މާފަރިވާގެ / ކ. މާފުށި (190 ވޯޓު)
  3. އަބްދުﷲ ސައީދު، ވެލި / ކ. ގުރައިދޫ (15 ވޯޓު)

އެ ޕްރައިމަރީގައި ވޯޓުލުމަށް 844 މީހުން ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، ވޯޓުލާފައި ވަނީ 590 މީހުންނެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންގެ 69.9 ޕަސެންޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް، އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އެހެންވެ ގުރައިދޫ ދާއިރާ އަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހަތަރު ޕާޓީ އަކުން ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ނިމުމުން، ޝާޒްގެ އިތުރުން ގުރައިދޫ ދާއިރާ އަށް ދެން ވާދަކުރަނީ:

  • އެމްޓީޑީ (އަދި ކެންޑިޑޭޓު ކަނޑަނާޅާ)
  • އެމްއެންޕީ (އަލީ އަރީފް)
  • ޕީޕީއެމް (ހުސައިން ރިޒާ)

އިލެކްޝަންސް ކޮމިޝަނުން ބުނީ، ގުރައިދޫ ދާއިރާގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ 15 ގައި ބާއްވައި، ހަތަރު ދުވަސް ފަހުން ރަސްމީ ނަތީޖާ އިއުލާނުކުރާނެ ކަމަށެވެ.