ބަގީގެ ދަތުރުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށްޓަކައި މިދިޔަ ޖެނުއަރީ މަހު 10 ބަގީ އެއް ކައުންސިލުން ގެނެސްފައިވާއިރު 12 މީހުންގެ ޖާގައިގެ ބަގީއަކާއި ހަ މީހުންގެ ޖާގައިގެ ތިން ބަގީގެ އިތުރުން ހަތަރު މީހުންގެ ޖާގައިގެ ތިން ބަގީ ހިމެނެއެވެ. އަދި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރުކުރެވޭ ބަގީ އަކާއި ފޮށި ފަދަ ތަކެތި ލެވޭ ދެ ބަގީ ވެސް ވަނީ ގެނެސްފައެވެ.

އިއްޔެ ބަގީތައް ވިލިމާލެއަށް ގެންގޮސްފައިވާއިރު ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހުއެވެ. ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަގުތައް ވެސް ކަނޑައަޅައި ހާމަކޮށްފައެވެ. އާންމު ދަތުރުތަކަށް ދެ ރުފިޔާގެ ރޭޓުން އަގު ކަނޑައަޅާފައިވާއިރު، ޕްރައިވެޓް ދަތުރުތަކުގެ އަގުތައް ތަފާތުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެގޮތުން:

  • ހަތަރު ސީޓުގެ ބަގީއަކަށް ހަ ރުފިޔާ
  • ހަ ސީޓުގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންގެ އިތުރުން އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ތައްޔާރުވަމުން ދާއިރު، އެމްޓީސީސީން އަންނަނީ ވިލިމާލޭގައި ދަތުރަކަށް ފަސް ރުފިޔާގެ މަގުން ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ "ނައިންޓީ ނައިން ހޯލްޑިން" އިން ވަނީ ބަގީގެ ހިދުމަތް ވިލިމާލޭގައި މީގެ ކުރިން ދީފައެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 17، 2013 ގައެވެ. "އިމް ޕްރިންޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ ހަ މަސް ފަހުން ނައިންޓީ ނައިން ހޯލްޑިން އަށް މަސައްކަތްތައް ބަދަލުކޮށްފައެވެ.

އޭގެ ފަހުން ވިލިމާލޭގައި ބަގީގެ ހިދުމަތްތައް ނުދޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.