މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު، އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު އަނެއްކާ ވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން އިތުރު ކޮށްދީފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވޭނެ ތާރީހު އިތުރުކޮށްދިނީ، ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ކަމަށެވެ.

ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތްދިނުން މެދުކަނޑާލީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އެފަހަރު ވަނީ މުއްދަތު ހަމަވާ ލައިސަންސްތައް، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެމުއްދަތު ފެބުރުއަރީގެ ނިއަލަށް އިތުރުކުރުމަށްފަހު އަނެއްކާވެސް މިވަނީ އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިނިސްޓްރީން މިހާރު ވަނީ "ސިމްސް ކަސްޓަމާ ޕޯޓަލް" ތެރެއިން ޑިޖިޓަލް ލައިސަންސްގެ ހިދުމަތް މިދިޔަ މަހުގެ ތެރޭގައި ފަށާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ލައިސަންސްގެ ހިދުމަތް ޑިޖިޓަލްކުރުމުގެ މައިގަނޑު މަގުސަދަކީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ.