ހުސްވި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަތު ސަރަހައްދަށް ފުލުފުުލުގައި އައި ބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުން 100 ބިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ޔޫއެންޑީޕިން ބުނެފިއެވެ.
ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބައްދާ، އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ ހަފްތާގައި ފަށާ ކޮންފަރެންސާ ދިމާކޮށް ޔޫއެންޑީޕީން ބުނީ، އަންދާޒާ ކުރާ 100 ބިލިއަން ޑޮލަރަށް ވުރެ ގެއްލުން މަތިވާނެ ކަމަށެވެ.
ޔޫއެންޑީޕީގެ އޮފިޝަލް ލޫސިއާ ވިންޓަން ވިދާޅުވީ ސަރުކާރުތަކުގެ ހިސާބުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުން ފޯރުކޮށްދިން އަދަދުތައް އެއްކޮށް ހަދާ ބަލާއިރު، ރިކަވަރީއަށް (އާރާސްތު ކުރުމަށް) ހިނގާ ހަރަދު 100 ބިލިއަން ހުރަސް ކުރާނެ ކަމަށެވެ.
ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުމާ އެކު އައި 9000 އަށް ވުރެ ގިނަ ލޮޅުމާއި އަދި ގަޑިދެގަޑިއިރުގެ ފަހުން ރިކްޓާ މިންގަނޑުން 6 އަދި 5 ގެ ބާރު މިނުގައި އައި ދެ ބިންހެލުމަކާ ގުޅިގެން 170،000 އަށް ވިރެ ގިނަ އިމާރާތް ވަނީ ވެއްޓި ބިމާ ހަމަވެފައެވެ. މަގުތަކާއި ހައިވޭތަކާއި ދަނޑުބިންތައް ވަނީ ކަނޑަކަނޑައިގެން ގޮސްފައެވެ. ބްރިޖްތަކާއި އުމްރާނީ އެތައް ވަސީލަތެއްގެ އިތުރުން ހޮސްޕިޓަލްވެސް ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
މިހާތަނަށް 52،000 މީހުން މަރުވެފައި ވާ މި ބިންހެލުމުން ލިބުނު ގެއްލުންތައް ދެނެގަނެ ބޭނުންވާ މިންވަރުކަމަށް އަންދާޒާ ކޮށްފައިވާ އަދަދަކީ ހަމައެކަނި ތުރުކީ ފަޅިއަށް އަމާޒުކޮށް ހަދާފައިވާ އަންދާޒާއެކެވެ. އަދި އެއީ މިމަހުގެ 16 ގައި ބްރަސަލްސްގައި ބާއްވާ ޑޯނާ ކޮންފަރެންސްގައި ގެންގުޅޭނެ އަސާސީ މިންގަނޑުކަމަށް ޔޫއެންޑީޕީން ބުނެއެވެ.
ތުރުކީ ފަޅިން ހާލުގައި ޖެހުނު މީހުންގެ އަދަދު 1.9 މިލިއަނަށް އަރާފައި ވާ މި ބިންހެލުމުގައި ސީރިއާ ފަޅިން ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު 8.8 މިލިއަނަށް އަރައެވެ. ނަމަވެސް ސީރިއާ ފަޅިން ބިންހެލުމާ ގުޅިގެން ވެއްޓުނީ ކިތައް އިމާރާތްކަން މުޅިން ސާފު ނުވާއިރު، ހާލުގައި ޖެހިފައި ތިބި 8.8 މިލިއަން މީހުންނަކީ އެގައުމުގައި ހިނގާ ދާިހިލީ ހަނގުރާމައާ ވެސް އެކު ގުނަމުންދާ އަދަދެކެވެ.
ވޯލްޑްބޭންކުން މީގެ ކުރިން އަންދާޒަ ކުރި ހިސާބުތަކަށް ބަލާއިރު ތުރުކީއަށް ލިބުނު ގެއްލުން އަރަނީ 34.2 ބިލިއަން ޑޮލަރަށެވެ. ނަމަވެސް އެ އަދަދަކީ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމާއި ގެދޮރާއި ވަސީލަތްތައް އަދި އުމްރާނީ ތަރައްގީގެ ބިނާތައް އަލުން ހެދުމުގެ އަގު ނުހިމަނާ ކަމަށް ވޯލްޑްބޭންކުން ބުނެފައި ވެއެވެ.
ޔޫއެންޑީޕީ އޮފިޝަލް ވިދާޅުވީ، އަލުން އަންދާޒާ ކުރި އާ އަދަދަކީ ތުރުކީ ސަރުކާރާއި، ވޯލްޑްބޭންކާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ޔޫއެންޑީޕީ ބައިވެރިވެގެން ކޮށްފައިވާ އަންދާރާ އަދަދު ކަމަށެވެ.