ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އޮކްޓޯބަރު މަހުގައި މަރުވި ގދ. ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރު އާންމުންގެ ލޮލަށް ފެންނަ ގޮތާއި، ތަހްގީގީ ނަޒަރަކުން ބެލީމަ ފެންނަ ގޮތް ތަފާތުކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ގައި ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވީ، އޭނާ މޭގައި ރިއްސާތީ ފުލުހުން ގާތު ޑޮކްޓަރަށް ގެންދަން އެދުމުން ފުލުހުން އެކަމަށް އިންކާރުކުރުމުން ކަމަށާއި، އަބްދުﷲ ރަޝީދު ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ އޭނާ މަރުވިތާ ބައިގަޑިއިރު ފަހުން ކަމަށް، އާއިލާއިން މީގެ ކުރިން ބުންޏެވެ.

ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުންކަމަށް ބުނާ މައްސަލައިގެ ތަހްގީގު ފަށައިގެން ކުރިއަށް ދާތާ ހަތަރު މަސް ދުވަސް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، މައްސަލައިގެ ތަހްގީގު އަދި ނިމިފައިވާ ކަމަކަށް، މައްސަލަ ބަލާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުން އަދި ނުބުނެއެވެ. އެހެންކަމުން މައްސަލަ ބަލައި ނިމުނުކަން އަދި ނުނިމޭކަން ސާފެއްނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އިމްރާނާ ސުވާލުކުރައްވަމުން ވިދާޅުވީ، އެ ހާދިސާ ހިނގައިދިޔަ ވަގުތު އޭނާގެ ލޯ ކުރިމަތިން ކަން ހިނގައިދިޔަ ގޮތް ފެނިވަޑައިގަތް ކަމަށެވެ. ފިރުޝާން ސުވާލުކުރެއްވީ އެ މައްސަލައިގައި އިހުމާލުވެފައިވާ ފުލުހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯއެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ، ރަށުގައި ތިބި މީހުންނަށް އެ ހާދިސާ ހިނގައިދިޔަ އިރު ފެނުނު ގޮތާއި، ތަހްގީގީ ނަޒަރަކުން އެ މައްސަލައަށް ބެލުމުން ގަބޫލުކުރެވޭ ގޮތާއި ފަހަތުގައިވާ ކަންކަން ތަފާތު ކަމަށެވެ.

"މިކަހަލަ ކަންކަމުގައި، ބައްލަވަން ތިއްބެވި ބޭފުޅުންނަށް އެކަން ފެނިވަޑައިގަންނަވާ ގޮތާއި، އެ މައްސަލަ ތަހްގީގުކުރީމަ ތަހްގީގީ ނަޒަރަކުން ބެލީމަ އެއަށް ގަބޫލުކުރެވޭ ގޮތާއި، އޭގެ ފަހަތުގަ ހުރި ކަންތަކާއި، އެއީ އަޅުގަނޑު ހިތުން ތަފާތު ކަމެއްކަން، އެކަހަލަ މައްސަލަތަކުގެ ތެރެއަށް ވަދެ ތަހްގީގީ ނަޒަރަކުން ބެލީމަ ފެންނާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ރަޝީދު ގެންދިޔައިރު ހިނގި ކަންކަން 10 މިނެޓަށް ބެލުމަށް ފަހު ގޮތެއް ނިންމައިފި ނަމަ، އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު، ރަޝީދުގެ މަރުގައި ފުލުހުން އިހުމާލުވިތޯ ބެލުމަށް ފުލުހުންނާއި އެންއައިސީން ފަށާފައިވީ ނަމަވެސް، ތަހްގީގަށް ހަތަރު މަސް ވެގެން ދިޔައިރު، އެ މައްސަލަ ދިޔަގޮތުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަނުކުރެއެވެ.