މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކުދިންނަށް ހާއްސަކޮށްގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝާން އާއި އައިޖީއެމް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެ ހޮސްޕިޓަލްގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ޑިޕޭޓްމަންޓްގެ އިސްނެގުމާއެކު މިދިޔަ މަހު ފެށި ހަރަކާތެކެވެ.
އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގްރޭޑް 1ގެ 98 ދަރިވަރުން ވަނީ ސްކްރީނިން ފުރިހަމަ ކޮށްފައެވެ. އަދި ގްރޭޑް 4 އިން 95 ދަރިވަރުން އަދި ގްރޭޑް 7 ގެ 34 ދަރިވަރުން ވަނީ މި ސްކްރީނިން ފުރިހަމަ ކޮށްފައެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން އަދި އިންޓާންސް އިން ބައިވެރިވާ މި ޕްރޮގްރާމަ ބެހޭ ގޮތުން އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓްގެ އިސް ޑޮކަޓަރު އަހްމަދު ފައިސަލް ވިދަޅުވީ މި ސްކްރީނިންގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްހީ މައްސަލަތައް ދެނެގަތުން ކަމަށެވެ. އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުންކަމަށެވެ. މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު އިތުރުވެގެން ދާނެކަމަށެވެ.
މިހާރުވެސް ހެލްތް ސްކްރީން ޕްރޮގްރާމް ކަލާފާނު ސްކޫލުގައި ކުރިއަށް ދާއިރު މާލެ ސިޓީ ސަރަހައްދުގެ ގިނަ ސްކޫލުތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.