ބައެއް ކަހަލަ ކުށްތަކުގައި ފުލުހުން ބައިވެރިވާ ކަމަށާއި، އެފަދަ ބައެއް ފުލުހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ އެކި ކުށްތަކުގައި ފުލުހުންގެ ބައިވެރިވުން އޮންނަ ކަމުގެ އަޑު ތަކުރާރުކޮށް އިވޭ ކަމަށް ވިދާޅުވެ، އެކަމުގެ ހަގީގަތަކީ ކޮބައިތޯ އާއި، އެއީ ތެދެއް ނަމަ އެޅުނީ ކޮން ފިޔަވަޅެއްތޯ ސާފުކޮށްދެއްވުމަށް އެދި ސުވާލުކުރައްވައިފައެވެ.
އިމްރާން ވިދާޅުވީ، ބައެއް ކަހަލަ ކުށްތަކުގައި ފުލުހުންގެ ބައިވެރިވުން އޮންނަކަން އެނގިވަޑައިގެންފައިވާ ކަމަށާއި، އެފަދަ ފުލުހުންގެ މައްސަލަ ބަލައި، އެތައް ފުލުހުންނެއް މިހާރު ވެސް ވަޒީފާ އެއް ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރީ ކިތައް ފުލުހުންތޯ އިމްރާން ހާމަ ނުކުރައްވައެވެ.
ބައެއް އިތުރު ފުލުހުން ކުށްތަކުގައި ޝާމިލުވާ މިންވަރާ މެދު ޝައްކު އުފެދިގެން ކުރިން ހުރި މަގާމު ނުވަތަ ރޭންކު ދަށްކުރުމާއި، އެފަދަ ފުލުހުން ކުށްތަކަށް އަރައިނުގަނެވޭނެ ގޮތް ހެދުމަށްޓަކައި އެ ފުލުހުންގެ ޔުނިޓުތައް ބަދަލުކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން، ފުލުހުންނަށް ފިޔަވަޅު ނާޅާ ނުހުންނަ ކަމަށާއި، އެފަދަ ކަންކަން ވަރަށް ސީރިޔަސްކޮށް ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުވާއިރު ވެސް، ފުލުހުންގެ ފަރާތުން އެފަދަ ކަމެއް ފެންނަ ނަމަ، އެ ކަންކަން އިމްރާނާ ސީދާ ހިއްސާކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ވެސް އޭނާ އެދިވަޑައިގަތީ އެފަދައިން ކަން ކުރުމަށެވެ.
"އޭގެ އެއްވެސް ކަމެއް (ފުލުހަކު ކުށްކުރުމުގައި ބައިވެރިވިކަން) ސާބިތުވެއްޖެ ނަމަ، އެ ފުލުހަކީ އެ ޒިންމާ އަދާކުރަން ހުރުން އެކަށީގެންނުވާ މީހެއް،" އިމްރާން ވިދާޅުވިއެވެ.