އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސް އާ އެކު މިއަދު ސޮއިކޮށްފިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އަނި ރެނާޓަސް ޕްރޮޖެކްޓްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ސެލްވަ ސުންދަރަމެވެ.
މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 17 މިލިއަން ޑޮލަރު ނުވަތަ 28.5 މިލިއަން ރުފިޔާގެ ލޯނުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ތަރައްގީ ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓްގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަހައްދުތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރާއި ފަޔާ ސްޓޭޝަނެއް އިމާރާތް ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުން ކުރުމަށް ކޯލްޑް ސްޓޯރޭޖާ އެކު ކާގޯ ވަސީލަތްތައް ގާއިމު ކުރާނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ދެކެއެވެ.