ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމު ސަލާމަތާ އަދި އިގްތިސޯދާ ގުޅިފައިވާ ކަމެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތައާރަފްކުރި 'ބިނާރު' ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން މާރިޔާ ވިދާޅުވީ ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ފެންވަރުގައި ބެލެހެއްޓުމަކީ މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
މުޅި ގައުމުގެ ސަލާމަތާއި އިގްތިސޯދަށް ވެސް ވީއައިއޭގެ މުހިއްމުކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ރާއްޖެ އާއި ބޭރު ދުނިޔެ ގުޅުވާލަދޭ ވީއައިއޭ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ބޭރުގެ އެހީ އައުމަށް އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސޯދެއް ކަމަށާއި ރާއްޖޭއަކީ ހުރިހާ މުދަލެއްވެސް އިމްޕޯޓްކުރާ ގައުމެއްކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ އެ ހުރިހާ ސިނާއަތެއް ކުރި އަރާ ދިއުމުގައި ވީއައިއޭގެ ދައުރު ބޮޑު ކަމަށެވެ.
މިހާތަނަށް އައި އިރު ވީއައިއީގައި ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގާފައި ނުވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މިއީ އެ ކުންފުނީގައި މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ވީއައިއޭ އަކީ އެކްސިޑެންޓް މަދު އަދި ސެކިއުރިޓީ އާއި ސޭފްޓީ ކަށަވަރު ކުރުމަށް ހުރިހާ ގިންތިއެއްގައިވެސް މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ތާއަރަފް ކުރި ބިނާރު ކެމްޕެއިނަކީ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުންނާއި ވީއައިއޭގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.