މެކްސިކޯގެ ޑްރަގް ކާޓެލް އަކުން އޮސްޓްރޭލިއާ އަށް ގެންދަން އުޅުނު 2.4 ޓަނު (677 މިލިއަން ޑޮލަރު) ގެ ކޮކެއިން އަތުލައިފިއެވެ.

ދެކުނު އެމެރިކާގެ ކަނޑުގެ ސަރަހައްދުން މި ތަކެތި އަތުލީ އެމެރިކާ އާއި އޮސްޓްރޭލިއާގެ އިންޓަލިޖަންސް އިދާރާތަކާއި ކަމާގުޅޭ އެހެން އިދާރާތާއް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ހަބަރުތައް ބުނާގޮތުން، އަތުލައިގަތް ކޮކެއިން އަކީ، އޮސްޓްރޭލިއާގައި އަހަރެއްގެ މައްޗަށް ބޭނުން ކުރާ އަދަދުގެ ދެބައިކުޅަ އެއްބައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހިންގި މި އޮޕަރޭޝަންގެ މައުލޫމާތު ހާމަ ކުރީ މިއަދުއެވެ. ހަބަރުތައް ބުނާ ގޮތުން މިއީ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލުގައި އޮސްޓްރޭލިއާ ފުލުހުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި 12 މީހަކު ހައްޔަރު ކޮށް އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާވެއް އުފުލާފައެވެ.

އޮސްޓްރޭލިއާގެ އިދާރާތަކުން ބުނާ ގޮތުން މި މައްސަލަގައި ހިމެނޭ މީހުން އަތުލުމަށްޓަކައި އޮސްޓްރޭލިއާ ފުލުހުން ފުރަތަމަ ހެދި ގޮތަކީ، ކޮކެއިން ބަންދުކޮށްފައި ހުރި ޕެކެޓްތަކާ އެއް ވައްތަރަށް ފޭކް ކޮއިން ގެ 1.2 ޓަނު ޕޮެކްކޮށް އެގައުމުގެ ޕާތް އާ ދިމާ ކަނޑަށް އެއްބައި އުކާލީއެވެ. އަދި ފާރަލަމުން ދަނިކޮށް އޮސްޓްރޭލިއާ ފަޅިން ޑްރަގާ ހަވާލުވާ މީހުން (3 މީހުން) އެތަކެތި ނަގަން ދަތުރު ކުރުމުން އަތުލީއެވެ. ބާކީ މީހުން އަތުލީ ޕާތް އާ 600 ކިލޯމީޓަރު ދުރުން ގްރޭޓް އީސްޓާން ހައިވޭގެ ޓެރެފިކުން ކަމަށް ބުނެއެވެ.

އަތުލި މީހުންގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މީހަކުވެސް ހިމެނެއެވެ.

މި މައްސަލަ މީޑިއާއަށް ހާމަ ކުރައްވަމުން އޮސްޓްރޭލިއާ ފުލުހުންގެ ކޮމިޝަނާ ކާނަލް ބްލާންޗް ވިދާޅުވީ، އެއީ ޑްރަގް ޓެރެފިކް ކުރާ ބައިނަލްއަގުވާމީ ފަރާތްތަކަށް ދިން މެސެޖެއް ކަމަށާއި، އެހެން ފާޑުފާޑަށް އޮސްޓްރޭލިއަށް ޑްރަގް އެތެރެ ނުކުރެވޭނެ ކަމަށެވެ.